Last Updated: April 20, 22:12
Tuesday, April 20, 2021
ޚަބަރު

ހިތަދޫއިން ޕޮޒިޓިވްވީ މީހާގެ 17 ކޮންޓެކްޓުން އެބަތިބި: އޭއީއެޗް

ސ. ހިތަދޫން ކޮވިޑު-19 އަށް ޕޮޒިޓިވްވީ މީހާގެ 17 ކޮންޓެކްޓުން މިހާތަނަށް އެނގިފައިވާ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފިއެވެ.

އޭއީއެއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިތަދޫގެ ހޯމް ކަރަންޓީނުގައި ހުއްޓާ ކޮވިޑު-19 އަށް ޕޮޒިޓިވްވީ މީހާގެ ކޮންޓެކްޓު ޓްރޭސިން ހެދި އިރު މިހާތަނަށް 17 މީހަކު އެމީހާގެ ކޮންޓެންޓު ވެފައިވާ ކަން އެނގިފައިވާ ކަމަށެވެ. 

ޕޮޒިޓިވްވީ މީހާ ވަނީ ކަރަންޓީނު ގަވާއިދާ ހިލާފަށް އާންމު މީހުން ގޮސް އުޅޭ ތަންތަނަށް ގޮސްފައެވެ. އެމީހާ އާއި ޝަރަފުއްދީން ސްކޫލްގެ ދަރިވަރުންތަކެއް ބައްދަލުވެފައިވާތީ އެދަރިވަރުން އެކަހެރިވުމަށް އަންގައި އިއްޔެ ވަނީ ސްކޫލް އެކުދިން ގެޔަށް ފޮނުވާފައެވެ.

ހޮސްޕިޓަލުން ބުނީ ކޮންޓެކްޓުވީ މީހުންގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ވަގުތު އައްޑޫގައި ކޮވިޑު -19ގެ އެކްޓިވް 14 ކޭސް ހުރި އިރު އެ ހުރިހާ މީހުންނަކީ ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.