އައްޑޫ ސިޓީގައި ހަދާފައިވާ "ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ" މިއަދު ހުޅުވައިފިއެވެ.
ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި މި ސެންޓަރު ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މި ސަރުކާރުގެ ލާމަރުކަޒީ ނިޒާމުގެ ދަށުން ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމުގެ މަޝްރޫޢު ވަރަށް ހަލުވިކޮށް ކުރިއަށް ގެންގޮސްފައިވާކަމަށާއި، މިއަދު މި ފެނިގެންދަނީ ރާއްޖޭގެ ޞިއްޙީ ނިޒާމަށް ބޮޑު އިންޤިލާބީ ބަދަލުތަކެއް އަންނަމުންދާތަން ކަމުގައެވެ. މިގޮތުން، މިއަހަރު އެކަނިވެސް ސަރުކާރުން ޞިއްޙީ ޚިދުމަތްތައް ތަރައްޤީކޮށް ހަރުދަނާކުރުމަށް ބޮޑު ހޭދައެއް ކޮށްފައިވާކަމުގައި ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
އަދި ޞިއްޙީ ޚިދުމަތް ހޯދުމަށް ރަށުން ބޭރަށް ދަތުރުކުރަންޖެހޭ މީހުންގެ ޢަދަދު މިދިޔަ ދެ އަހަރު ވަރަށް ބޮޑުތަން ދަށްވެފައިވާކަމަށާއި، މީގެއިތުރުން، މި ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކުގެ ސަބަބުން ޚިދުމަތްތައް ލާމަރުކަޒުކުރެވި، ކުރިން ކައުންސިލްތަކުން ނިގުޅައިގަނެފައިވާ ގިނަ ބާރުތަކެއް އަލުން އަނބުރާ ކައުންސިލްތަކަށް ލިބިފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
މިގޮތުން، ކުރިމަގުގައި ރަށްރަށުގެ ޚިދުމަތްތައް ތަރައްޤީކޮށް، އެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލްތަކުގެ ދައުރު ފުޅާވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ކައުންސިލްތަކުގެ އެއްބާރުލުމާއެކު ވަރަށް ގިނަ ޚިދުމަތްތަކެއް ރަށްރަށުގައި ތަޢާރަފު ކުރެވޭނެކަމުގެ އުންމީދު އޮތްކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) ގެ ބެލުމުގެ ދަށުން ޤާއިމުކޮށްފައިވާ މި ސެންޓަރުން ކްލިނިކަލް ސައިކޮލޮޖީ، އޮކިއުޕޭޝަނަލް ތެރަޕީގެ އިތުރުން ސްޕީޗް ތެރަޕީގެ ޙިދުމަތްތައް ފޯރުކޮށްދެވޭނެއެވެ.
މި ސެންޓަރުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ ހުރިހާ ފަރުވާއެއް އެއްތަނަކުން ލިބޭނެގޮތަށް އިސްކަންދީގެން އަދި އައްޑޫސިޓީގައި ކުރިޔަށްގެންދާ ސްޕެޝަލް ނީޑް ކްލާސްތަކާ އެފަދަ ކަމާގުޅުންހުރި ހުރިހާ ފަރާތްތަކާވެސް ގުޅިގެން ވަށާޖެހޭ ގޮތެއްގައެވެ.