Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ކުށެއް ނުކުރަން، ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: އަވަސް

ކުށެއް ނުކުރައްވާ ކަމަށާއި ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖައްސަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ.

އެ މެސެޖުގައި ޔާމީން ވިދާޅުވީ 2013 ވަނަ އަހަރު ރާއްޖޭގެ ޒަޢާމަތާ ޙަވާލުވެވަޑައިގެން ރާއްޖޭގެ އިޤުތިޞާދު ކޮޅަށް ޖައްސަވައި، ޤައުމީ މަޞްލަޙަތާ ގުޅުންހުރި ޙައްލުކުރެވޭނެ ކަމުގައި ކުރިން ޤަބޫލުކުރެވިފައި ނެތް މައްސަލަތައް ޙައްލުކުރެއްވި ކަމަށެވެ.

އަދި މި ކަންކަން ކޮށްދެއްވުމުގެ ނަތީޖާއަކަށްވީ ވާދަވެރި ސިޔާސީ ފަރާތްތަކާއި، އެ ފަރާތްތަކަށް ވާގިވެރިވާ ބޭރުގެ ފަރާތްތައް ގުޅިގެން އެމަނިކުފާނު ޖަލަށްލުން ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ބަވަނަ ވެފައިވާ ކުޑަ ޖަޒީރާ ގައުމަކަށް ދުނިޔޭގައި ހަމައިސްކޮޅަށް ތެދުވެވޭނީ ވަރަށް ސާބިތުކަމާއެކު ނުކުމެގެންކަން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ގަބޫލުކުރެއްވި ކަމަށާއި އެ ދަތުރު ފެށީ ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން ކަމަށް ދެކިގެން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

އެގޮތުން ޕީޕީއެމް ޕީއެންސީގެ ފިކުރަކީ އެއީ ކަމަށާއި އަދި އެ ފިކުރުގެ ރައްޔިތުންގެ ހަށީގައި ލޭ ހިނގާހާ ދުވަހަކު މި ޤައުމަށް ވާނެ ގޮތެއްވާން ދޫކޮށްނުލާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. އަދި ރައްޔިތުންނާ ދުރުގައި މާ އެކަހެރި ތަނެއްގައި އެމަނިކުފާނު ފޮރުވައިގެން ގެންގުޅެނީ ސިޔާސީ ވާދަވެރިންނާއި އެ ބޭފުޅުންނަށް ވާގިވެރިވާ ފަރާތްތައް އެ ފިކުރު ދެކެ ބިރުގަންނާތީ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

"އެހެންނަމަވެސް އަޅުގަނޑަކީ އެފަދަ ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާނެ މީހެއް ނޫން. އަމިއްލަ އުފަލާއި، ހިތްހަމަޖެހުމަށް ވުރެ އިސްކުރާނީ ދިވެހި ރައްޔިތުންގެ މަސްލަހަތު. މުހިއްމީ ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، މި ގައުމުގެ އިސްތިގުލާލު. ބޭރު މީހުން މި ގައުމުގެ ކަންކަމުގެ ތެރެއަށް ވަދެ ގޮތް ކިޔައިގެން ނުވާނެ" ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ކޮށްފައިވާ ހުކުމަށް އިޝާރާތް ކުރައްވަމުން ޔާމީން ވިދާޅުވީ ކުށެއް ނުކުރައްވާ ކަމަށާއި އެކަމުގައި އެމަނިކުފާނުގެ ޟަމީރު ސާފު ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. އަދި އެމަނިކުފާނު ޖަލަށްލައިގެން އަދި އިންސާފު ނުދީ ބަހައްޓައިގެން އުޅެނީ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރައްވާނެކަން ސިޔާސީ ވާދަވެރިންނަށް އެނގިވަޑައިގަންނަވާތީ ކަމަށާއި ޙަޤީޤީ އަނިޔާއަކީ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރައްވަފާނެތީ ބިރުން ޖަލަށްލުން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން ޔާމީން ވަނީ ޖަލުން މިނިވަންވެވަޑައިގެން ދިވެހިންނާ ބައްދަލުކުރައްވާނީ މަޢުޞޫމު ބޭފުޅެއްގެ ގޮތުގައި ކަމަށާއި އެނބުރި އަންނާނީ ބަދަހިކޮށް ކަމަށްވެސް ވިދާޅުވެފައެވެ.