ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީނުގައި ތިބޭ މީހުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން ދާން ޕަބްލިކް ޓްރާންސްޕޯޓު ބޭނުން ނުކުރުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފިއެވެ.
ކައުންސިލްތަކުގެ އިންތިޚާބުގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނަށް ވޯޓުލާން ދިޔުމުގެ ފުރުސަތު ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު އެފަދަ ފަރާތްތަކުން ވޯޓުލާން ދާނީ ހޮނިހިރު ދުވަހުގެ ހަވީރު 5 އިން 6 އަށެވެ.
ޕަބްލިކް ހެލްތުގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު މިރޭ ނެރުއްވި އެންގުމެއްގައި އެފަދަ ފަރާތްތަކުން ވޯޓުލާން ދާއިރު ހާއްސަ ކަންތައްތަކަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން އެފަދަ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:
1- އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން ވޯޓުލާ މަރުކަޒުތަކަށް ދިޔުން.
2- ހުރިހާ ވަގުތެއްގައި މާސްކު އަޅައިގެން ތިބުމާއި، ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުން.
3- ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުން.
4- ޕަބްލިކް ޓްރާންސްޕޯޓް (ބަސް، ފެރީ، ޓެކްސީ ފަދަ ތަކެތި) ބޭނުން ނުކުރުން.
5- ވޯޓު ލާން ދިޔުމާއި އެނބުރި ގެޔަށް އައުމާ ދެމެދު މީހުންނާ ބައްދަލު ނުކުރުން.
6- ވޯޓުލުމަށްފަހު، ކަރަންޓީނު ގައި ނުވަތަ އެކަހެރިކުރެވިފައި ހުރި ތަނަށް ވަގުތުން އެނބުރި ދިޔުން.
މީގެއިތުރުން އެޗްޕީއޭ އިން މިއަދު ވަނީ ކައުންސިލް އިންތިހާބުގައި ވޯޓުލާން ދިޔުމަށް ކަރަންޓީނާއި ނުލައި ރަށްރަށަށް ދިޔުމަށް ވެސް ހުއްދަ ދީފައެވެ.