އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް 1.5 ބިލިއަން ރުފިޔާ އަންނަ އަހަރު ބަޖެޓް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިރޭ، އއ. ރަސްދޫގައި ބޭއްވި އެމްޑީޕީގެ 'ރަށްވެހި ފަތިސް' ލާމަރުކަޒީ ކެމްޕޭން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރައްޔިތަކަށް ރަށެއްގެ ރަށްވެހިކަން ލިބޭ ފަދައިން ގެއެއްގެ ހިޔާވަހިކަން ވެސް ލިބެންޖެހޭނެ ކަމަށާއި އެގޮތުން އަންނަ އަހަރު ހަމައެކަނި އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް 1.5 ބިލިއަން ރުފިޔާ ބަޖެޓް ކުރައްވާނެ ކަމަށާއި އެ ބަޖެޓާއެކު ރާއްޖޭގެ އެކި ރަށްތަކުގައި ހިޔާވަހިކަން ފަތުރާލެވޭނެ ކަމަށެވެ.
މީގެއިތުރުން ޒަމާންތަކެއް ވަންދެން ރަށުގައި ނުހެދި ހުރި ގެތައް ދެކިދެކި ލޯވާޅު ވެފައިވާ ކަމަށާއި އެގޮތުން ސަރުކާރުން މިއަހަރު ދޫކުރަން ފަށާ ލުއިލޯނު ސްކީމްގެ ސަބަބުން އެގެތައް ހެދެން ފެށޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދި ބިންފުރި ބަރާވެ، ބަންޑުން ވެފައިވާ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުނުކޮށް ލާމަރުކަޒީ ހައްލު ވަށާ ނުޖެއްސޭނެ ކަމަށާއި މާލޭގެ މާނޭވާ ހަމަނޭވާ އަށް ފެއްތުމަށްޓަކާ ލާނޭވާގައި ވެސް ވަނީ ވޭނާއި އުދާސް ކަމަށް ރައީސް ވިދާޅުވިއެވެ.
"ފެށިޔަސް ނުނިންމޭނެއޭ، ނިމުނަސް ނުލިބޭނެއޭ، ލިބުނަސް ނުވަދެވޭނެއޭ، މިއީ ހައްތަހާވެސް މިކަމުގެ ހައްސާސީ އިހުސާސް. މާލޭގެ ހާސްކަމަށް ލުޔެއް ހޯދުމުގެ ގޮތުން މިއަހަރު އެކަނި ވެސް 5000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށްދާނެ. އަމާޒު ހިފައިގެން މިތިބީ މި އަދަދު 13،000 ޔުނިޓަށް އިތުރު ކުރުމަށް" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ކުރިއަށް ގެންދިޔަ ތަރައްޤީގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކޮންމެވެސް އެއް މަރުޙަލާއެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރިޔަށް ދާކަމަށާއި، އަމާޒަކީ މި ވެރިކަމުގެ ދައުރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ސިއްހީ ދާއިރާ އަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ ކޮވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައުނަކަށް ދިޔުމުން ރާއްޖެ ހިފެހެއްޓީ އަތޮޅުތެރޭގެ ޓާޝަރީ ހޮސްޕިޓަލް ތަކުން ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން މިދިޔަ އަހަރު ކޮވިޑްގެ ތެރޭގައި އެ ފަސް ޓާޝަރީ ހޮސްޕިޓަލުގެ އޯޕީޑީއިން އެކަނިވެސް ޖުމްލަ 392،533 މީހުން ބަލާ ފަރުވާދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.