Last Updated: July 4, 10:11
Friday, July 4, 2025
ޚަބަރު

ހުރިހާ ކަމެއް އާންމު ހާލަތަށް ރުޖޫއަވުމުގެ ފަތިސް އެބަފެނޭ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: މުންޝިދް

ހުރިހާ ކަމެއް އާންމު ހާލަތަށް ރުޖޫއަވުމުގެ ފަތިސް ފެންނަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިރޭ، އއ. ރަސްދޫގައި ބޭއްވި އެމްޑީޕީގެ 'ރަށްވެހި ފަތިސް' ލާމަރުކަޒީ ކެމްޕޭން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރަށްވެހި ފަތިހާއެކު އުދަރެހަށް ދޮންވާ އެހެން ފަތިހެއް ވެސް ފެންނަމުންދާ ކަމަށާއި އެއީ ހުރިހާ ކަމެއް އާންމު ހާލަތަށް ރުޖޫއަވުމުގެ ފަތިސް ކަމަށެވެ.

"ދެ ވެކްސިން ހަމަވެ، އެންމެން ހޭލަ މޭލަވާ މާދަމާ ދެން އިރާދަކުރެއްވިއްޔާ ދުރެއް ނޫން" ރައީސް ވިދާޅުވިއެވެ.

ރިސޯޓު، ހޮޓާ އަދި ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީތަކުގެ 46،000 އަށް ވުރެ ގިނަ އެނދު ހުޅުވި ހިނގަމުންދާ ކަމަށާއި 30 އެއާލައިނެއް ރާއްޖެ އަށް އުދުހެމުންދާއިރު، ކުރިއަށް އޮތްތަނުގައި ދިވެހި އިގްތިސާދީ ސަރަކަ މެކުހަށް ޖަހައި ބާރު ބުރުތަކުގެ ޒީލަ މިރޭގެ ވަޔާއެކު ކަންފަތުގެ ހިނދުރިއަށް ލާދޭފަދަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ހުރިހާ ކައުންސިލަށް ވެސް އޮތް ހަގީގަތެއް ވެސް ހާމަކޮށްދެއްވާފައެވެ. އެގޮތުން ތަރައްގީ އާއި ކުރިއެރުމަކީ ޓީމެއްގެ ގޮތުގައި ތިބެގެން ނޫނީ ގެނެވޭނެ އެއްޗެއް ނޫން ކަމަށާއި އެމްޑީޕީ އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު، އެންމެ ފުޅާ، އެންމެ ވަރުގަދަ އަދި އެންމެ ބަދަހި ޓީމު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މި ހޮވޭ އެމްޑީޕީގެ މޭޔަރުންނާއި، ކައުންސިލް ރައީސުންނާއި، ކައުންސިލް މެމްބަރުންނާ، ޑަބްލިއުޑީސީގެ މެމްބަރުންނަކީ މި ބޮޑު ޓީމުގެ އެއްބައި. ރަށާއި، އަތޮޅާއި، ސިޓީގެ ކުރިއެރުމާއި ތަރައްގީ އަށް އެޓީމުން ޓަކި ޖަހަން ހުރި ދޮރުތައް އެއީ މި ޓީމުގެ އަނެއްބައި. ރައްޔިތުންގެ މަޖިލިސް ކަމަށްވިޔަސް، ރައީސް އޮފީސް ވިޔަސް މި ހަގީގަތް އޮތީ މިގޮތަށް" ރައީސް ވިދާޅުވިއެވެ.

އަދި މަރުކަޒީ ބާ އޮނޑި ދިރުބަލަށް އެހެލުމަށްފަހު ކަނޑަށް ގަދަ އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުން މުޅި ރާއްޖެއިން ފެންނާނެ ކަމަށާއި އެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ވެސް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.