Last Updated: April 26, 23:59
Friday, April 26, 2024
ވިޔަފާރި

މީރާ އަށް މިދިޔަ މަހު 1.33 ބިލިއަން ރުފިޔާ ބަލައިގެންފި

މިރާ، ފޮޓޯ: އަވަސް

މިދިޔަ މަހު 1.33 ބިލިއަން ރުފިޔާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގެންފި އެވެ.

މީރާ އިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 19.2 ޕަސެންޓަށް ވުރެ އިތުރު އަދަދެއް ކަމަށެވެ. އަދި މިއީ މި މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 28.4 ޕަސެންޓަށް ވުރެ އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މާރިޗު 2020 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ލޭންޑް ރެންޓް އަދި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވުމެވެ.

އަދި މާރިޗު 2020 ގައި ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ލޮކްޑައުންކޮށްފައިވާތީ، ޓޫރިޒަމް މިނިސްޓްރީން ވަނީ 2020 ވަނަ އަހަރުގެ ދެ ކުއާޓަރެއްގެ ޓުރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ފަސްކޮށްދީފައިއެވެ. އެހެންކަމުން، މާރިޗު 2020 ގައި މި ފައިސާ ލިބިފައެއް ނުވެއެވެ.

މީގެ އިތުރުން، މިދިޔަ މަހު ޓޫރިޒަމް ދާއިރާގެ ވިޔަފާރި އިތުރުވެފައިވާތީ، މި ދާއިރާއިން ލިބިފައިވާ ޓީ.ޖީ.އެސް.ޓީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 51.0 ޕަސެންޓް ނުވަތަ 676.90 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ %25.3 ނުވަތަ 335.39 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 69.96 މިލިއަން ރުފިޔާ (5.3%)، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 69.91 މިލިއަން ރުފިޔާ (5.3%)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި 32.41 މިލިއަން ރުފިޔާ (2.4%) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 142.99 މިލިއަން ރުފިޔާ (10.8%) ހިމެނެއެވެ.

މިދިޔަ މަހު މީރާ ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 63.73 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.