Last Updated: April 19, 19:29
Friday, April 19, 2024
ރިޕޯޓް

ފާއިތުވި ދެ ހަފްތާ، މަޝްރޫއު ފަށައި ސޮއި ކުރުން، ދައުލަތުގެ ވަސީލަތް ނަހަމަގޮތުގައި ބޭނުންކުރުން ނޫންބާ؟

* 16 މަޝްރޫއުއެއްގައި ވަނީ ސޮއިކޮށްފައި
* 14 މަޝްރޫއުއެއް ވަނީ ފަށާފައި،
* ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ވަނީ ތަރައްޤީ އަވަސް ކުރުމަށް ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިފައި

ރައީސް ސޯލިހް އެއާޕޯޓްގެ މަސައްކަތްތައް ބައްލަވާލައްވަނީ-- ފޮޓޯ: ރައީސް އޮފީސް

އިންތިހާބެއް ބޯމަތިވާނަމަ އެއިރެއްގައި ވެރިކަމުގައި އޮންނަ ފަރާތުން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހަވާލުކޮށް ފެށުމަކީ އާންމުކޮށް ރާއްޖޭގައި ކަން ހިނގަމުން އަންނަ ސަގާފަތެވެ. ވެރިކަމުގައި އޮންނަ ފަރާތަށް ރައްޔިތުންގެ ފައިސާއާއި މުދާ ބޭނުންގޮތަކަށް ބޭނުންކުރުމުގެ ފުރުސަތު ލިބިފައި އޮންނައިރު އިންތިހާބަކާ ގާތްކޮށް މިފަދައިން ވެރިކަމުގައި އޮންނަ ފަރާތުން މަޝްރޫއުތައް ފެށުމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން ކަމަށް ގިނަ ފަރާތްތަކަކުން ދެކެއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިފަހުން ސޯޝަލްމީޑިއާގައި ހިއްސާކުރި ލިޔުމެއްގައި ބުނެފައިވަނީ, "ކެމްޕެއިން ދުވަސްވަރު ސަރުކާރު ނުވަތަ ސަރުކާރުގެ ކުންފުނިތަކުން ތަރައްގީގެ މަޝްރޫއުތައް ފަށާ އިއުލާނުކޮށް, ބިންގާ އެޅުންފަދަ ކަންކަމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން" ކަމަށެވެ.

މިކަމަކީ ބަދަލެއް އަންނަކަމެއް ނޫނެވެ. ކުރީގެ ރައިސް އަބްދުالله ޔާމީން އެމަނިކުފާނުގެ ވެރިކަމުގެ ފަހު ދުވަސްތައް ހޭދަކުރެއްވީ އެކި ރަށްރަށުގައި ތަރައްޤިގެ މަސައްކަތްތައް ނިންމިކަމުގެ އުފާފާޅުކުރުމުގައެވެ. އޭރު އެކަންކަމަށް އޭރުގެ އިދިކޮޅުގައި ތިބި މިހާރުގެ ވެރިކަމުގެ ބާރުގައި ތިބި ފަރާތްތަކުން ދިޔައީ ފާޑުކިޔަމުންނެވެ. އަދި އެކަންކަމަކީ ނަހަމަގޮތުގައި ދައުލަތުގެ މުދާ ބޭނުންކޮށްގެން ކުރެވޭ ކަމެއްކަމަށް ތުހުމަތު ކުރިއެވެ.

އެހެންނަމަވެސް އެމްޑީޕީން ވެސް ވެރިކަމާ ހަވާލުވުމުން މިފެންނަނީ ހަމަ އެމަގުން ކަންހިނގާތަނެވެ.

މާދަމާ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓަށް ރައްޔިތުން ތައްޔާރުވެފައިވާއިރު, މިދިޔަ ދުވަސްތަކުގައި ސަރުކާރުން ހޭބޯނަރާ ބުރަކޮށް ކުރި އެއްމަސައްކަތަކީ މަޝްރޫއުތަކުގައި ސޮއި ކުރުމާއި މަޝްރޫއުތައް ފެށުމުވެ.

ސިޔާސީ ގޮތަކަށް ބުނާނަމަ "އިންތިހާބާ ދިމާކޮށް ކަޑަޖެހީ" އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިންތިހާބާއި ދިމާކޮށް ތަރައްގީގެ މަޝްރޫއުތައް "ހިންގާލި" ވަރު ބަލާލުމަށް ބޭނުންކޮށްފައި މިވަނީ ފާއިތުވި 14 ދުވަހުގެ ތަފާސްހިސާބެވެ. މާޗް 26 އިން ފެށިގެން އޭޕްރިލް އަށް ވަނަ ދުވަހުގެ ނިޔަލަށެވެ. ބަންދު ދުވަސްތައް ކަނޑާފައި ބަލާނަމަ 10 ދުވަހުގެ ތަފާސްހިސާބެވެ.

މި ދެ ހަފްތާގެ ތެރޭގައި ސަރުކާރުން ވަނީ ޖުމުލަ 16 މަޝްރޫއެއްގައި އެކި ފަރާތްތަކާއެކު ސޮއިކޮށްފައެވެ. މީގެތެރެއިން ގިނަ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ އާރްޑީސީއާއެވެ.

ސޮއިކޮށްފައިވާ މަޝްރޫއުތަކުގެ ތެރޭގައި, މ. މުލައް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު, ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު, ރ. ފައިނު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު, ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު, ރ. ރަސްމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު, ސ. ހިތަދޫ ބަނދަރު ތަރައްގީ ކުރުން, އައްޑޫ ރީޖަނަލް ޕޯޓްގެ މަސައްކަތް, ހއ. ބާރަށް ނެރު ފުންކޮށް ބަނދަރު އަލުން ފުންކުރުން, ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ތަރައްގީކުރުން, ނ. މަނަދޫ ނެރު ފުންކޮށް ބޭރުތޮށިލުން, ހއ. ހޯރަފުށި މަގުތަކުގައި ތާރުއެޅުން, ރ. ހުޅުދުއްފާރު ބޮޑުމަގުގައި ތާރު އެޅުން, މ. މުލަކު ބޮޑު މަގުގައި ތާރުއެޅުން, ހދ. ކުޅުދުއްފުށި ހައުސިން ޔުނިޓްތައް ނިންމަން ހަވާލުކުރުން, ގދ. ތިނަދޫ މަގުތަކުގައި ތާރު އެޅުން އަދި ޅ. ހިންނަވަރު މަގުތަކުގައި ތާރުއެޅުމެވެ.

ފާއިތުވި ދެ ހަފްތާގެ ތެރޭގައި 16 މަޝްރޫއުގައި ސަރުކާރުން ސޮއި ކުރިއިރު 14 މަޝްރޫއުއެއްގެ އަމަލީ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށާފައެވެ. އޭގެތެރޭގައި މިދިޔަ ދެ ހަފްތާގެ ތެރޭގައި ސޮއި ކުރި ތިން މަޝްރޫއެއްވެސް ހިމެނެއެވެ.

އަމަލީ މަސައްކަތްފެށި މަސައްކަތްތަކުގެ ތެރޭގައި އއ. މާޅޮސް ބަނދަރު މަސައްކަތް, ހިތަދޫ ބަނދަރު މަސައްކަތް, ސ. މީދޫ ގޮނޑޫދޮށް ހިމާޔަތްކުރުން, ސ. މީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުން, އއ. މާޅޮސް ބަނދަރު ތަރައްގީ ކުރުން, މ. މުލަކު ގޮނޑުދޮށް ހިމާޔަތްކުރުން, މ. މުލި އެއާޕޯޓް ތަރައްގީކުރުން, މ. މުލަކު މަސްބަނދަރު ތަރައްގީކުރުން, ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތްކުރުން, ނ. މަނަދޫ ނެރު ފުންކުރުމާއި ބޭރުތޮށީގެ މަސައްކަތް, ހއ. ހޯރަފުށީ ފެރީޓާމިނަލްގެ މަސައްކަތް, އެރަށު ގޮނޑޫދޮށް ހިމާޔަތްކުރުން, ހއ. ދިއްދޫ ބަނދަރު ބޮޑުކޮށް ޖެޓީ ހެދުމުގެ މަސައްކަތް އަދި ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތެވެ.

ތަރައްގީ ރައްޔިތުންވެސް ބޭނުންވެއެވެ. އެކަމަކާ ދެކޮޅެއް ނަހަދާނަމެވެ. އެހެންނަމަވެސް އިންތިހާބަކާ މިހާކުޑަތަން ކޮށްފައި މިގޮތަށް ކަންކުރުމީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން ނޫން ވަކި ކޮންކަމެއް ހެއްޔެވެ؟