Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

74 ވަނަ ބްރިޓިޝް އެކަޑަމީ ފިލްމް އެވޯޑްސްގެ ހުށަހެޅުންތެރިންގެ ތެރޭގައި ޕްރިޔަންކާ

74 ވަނަ ބްރިޓިޝް އެކަޑަމީ ފިލްމް އެވޯޑްސްގެ ހުށަހެޅުންތެރިންގެ ތެރޭގައި ޕްރިޔަންކާ ޗޯޕްޅާ ޖޯނަސް ހިމެނިއްޖެއެވެ.

މި އެވޯޑް ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި އޭޕްރީލް މަހުގެ 10 އަދި 11 ވަނަ ދުވަހު ރޯޔަލް އަލްބާޓް ހޯލުގައެވެ. ޕްރިޔަންކާ މި ޚަބަރު އޭނާގެ ފޭނުންނަށް ދީފައިވަނީ ލަންޑަނުގައި ހުރެ އިންސްޓަގްރާމް މެދުވެރިކޮށެވެ.

ޕްރިޔަންކާ ހުށަހެޅުމަށް ހަމަޖެހިފައިވަނީ ރައިޒިންގ ސްޓާރ އެވޯޑްގެ ނިއު ޓެލެންޓްގެ ބައެވެ. މި ކެޓަގަރީއަށް ކުރީގައި އޮރެންޖް ރައިޒިންގ ސްޓާރ ވެސް ކިޔުނެވެ. ނަމަވެސް ކޮމާޝަލް ސަބަބު ތަކަކަށްޓަކައި މިނަން މިހާރު މިވަނ ރައިޒިންގ ސްޓާރ އެވޯޑަށް ބަދަލު ކުރެވިފައެވެ.

މި ހަފްލާ ހުށަހަޅައިދޭ އިތުރު ފަރާތްތަކުގެ ތެރޭގައި ޓޮމް ހިޑްލްސަން، ރިޗާޑް އީ ގްރާންޓް، ޕެޑްރޯ ޕާސްކަލް އަދި މީގެ އިތުރުން ވެސް ބައެއް ފަރާތްތައް ހިމެނެއެވެ.

ލަންޑަނުގައި ތިބި ހުށަހެޅުންތެރިން ޕްރިޔަންކާ ވެސް ހިމެނޭ ގޮތަށް ލޮސް އެންޖަލީސްގައި ތިބި ބައިވެރިންނާއި ބައްދަލު ކުރާނީ އޮންލައިންކޮށް ކަމަށް ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓް ކުރެއެވެ.

ޕްރިޔަންކާގެ އެންމެ ފަހުން ބެލުންތެރިންނާއި ހަމަޔަށް އައީ ފިލްމް "ދަ ވައިޓް ޓައިގާ" އެވެ. އެ ފިލްމުގެ އެގްޒެކްޓިވް ޕްރޮޑިއުސަރަކީ ވެސް ޕްރިޔަންކާ އެވެ. 74 ވަނަ ބްރިޓިޝް އެކަޑަމީ ފިލްމް އެވޯޑްސްއަށް އެ ފިލްމް ވަނީ ދެ ދާއިރާއަކުން ނޮމިނޭޓް ވެފައެވެ.