Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ފަރްހާން، މާވެލް ސްޓޫޑިއޯއާއިއެކު ފިލްމެއްގެ ޝޫޓިންގ ފަށައިފި

ގިނަ ހުނަރުތަކެއް ލިބިފައިވާ ބޮލީވުޑްގެ އެކްޓަރ، ޑައިރެކްޓަރ، ލަވަކިޔުންތެރިޔާ، އަދި ޕްރޮޑިއުސަރެއް ކަމަށްވާ ފަރްހާން އަޚްތަރު މާވެލް ސްޓޫޑިއޯއާއިއެކު ފިލްމެއްގެ ޝޫޓިންގ ފަށައިފިއެވެ.

މާވެލް ސްޓޫޑިއޯއަކީ ދުނިޔޭގެ އެންމެ ބޮޑެތި ސްޓޫޑިއޯތަކުގެ ތެރޭގައި ހިމެނޭ ސްޓޫޑިއޯއެކެވެ. ސުޕަރހީރޯ ފްރެންޗައިސްގެ ފިލްމްތައް ގެނެސްދިނުމަށް މަޝްހޫރު ވެފައިވާ މި ސްޓޫޑިއޯއިން ވަނީ މިހާތަނަށް "ހަލްކް"، "ކެޕްޓަން އެމެރިކާ"، "އަޔަން މޭން"، އަދި "އެވެންޖާސް ސީރީސް" ފަދަ ފިލްމްތައް އުފައްދާފައެވެ. މިއިން ކޮންމެ ފިލްމަކީ ވެސް ބޮޑެތި ކާމިޔާބީތައް ހޯދާފައިވާ ފިލްމްތަކެވެ.

މީގެ ކުރިން ވެސް އެތައް ފަހަރަކު މާވެލް ސްޓޫޑިއޯގެ ފިލްމަށް ފަރްހާން ސޮއި ކުރިކަމުގެ ވާހަކަތައް ފެތުރިފައިވެއެވެ. އެހެން ނަމަވެސް މަސައްކަތެއް ފެށިތަނެއް މީގެ ކުރިން ފެނިފައިނުވެއެވެ. މި ފަހަރު ކުރިއާއި ޚިލާފަށް ފަރްހާން ވަނީ ފިލްމްގެ ޝޫޓިންގ ބެންކޮކްގައި ފަށާފައެވެ.

މި ފިލްމް އުފައްދާ ފަރާތްތަކުން ފިލްމާއި ބެހޭ އެއްވެސް ވާހަކައެއް ހާމަކޮށްފައެއް ނުވެއެވެ. ކޮންކަހަލަ ފިލްމެއް ކަމެއް އެއްވެސް ވަރަކަށް ބުނާކަށް ނޭނގޭ ކަމަށްވެސް އިންޑިޔާގެ ބައެއް ނޫސްތަކުން ރިޕޯޓް ކުރެއެވެ.

ފަރްހާން ދެން އެންމެ އަވަހަށް ބޮލީވުޑުން ފެނިގެންދާނީ އޯމް ޕްރަކާޝް މެހެރާގެ ފިލްމް "ތޫފާން" އިންނެވެ. އެ ފިލްމުން ފަރްހާން ފެނިގެންދާނީ ބޮކްސިންގ ތަޅާ މީހެއްގެ ރޯލުންނެވެ.