Last Updated: March 28, 21:55
Thursday, March 28, 2024
ރިޕޯޓް

މެޖޯރިޓީ ލިބުނަސް، އެމްޑީޕީއަށް ގަބޫލުކުރަން ދަތި، ބޮޑު ބައްޔެއް!

ފޮޓޯ: ސޯޝަލް މީޑިއާ

އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުން ސަރުކާރު މައި ޕާޓީ އެމްޑީޕީއަށް އަންދާޒާ ކުރެވުނު ނަތީޖާއާ ގާތް ނަތީޖާއެއް ވެސް ނުނެރެވުނެވެ.

އެންމެ ފަހުން ރާއްޖޭގައި ބޭއްވި ތިން އިންތިޚާބުވެސް ފަސޭހަކަމާއެކު އެމްޑީޕީން ކާމިޔާބުކުރީ އާބާދީ ބޮޑު ހިސާބުތަކުން، އައްޑޫ، މާލެ، ފުވައްމުލައް، ހުވަދޫ ފަދަ އަތޮޅުތަކުން ފަސޭހަ މެޖޯރިޓީއެއް ލިބި، ބޮޑު ތަފާތަކުން އިދިކޮޅު ފަރާތްތައް ބަލިކޮށްގެންނެވެ.

ވެރިކަން ހޯދުމަށް 2018 ވަނަ އަހަރު ނެގި ރިޔާސީ އިންތިޚާބާއި ޖެހިގެން އައި އަހަރު ނެގުނު މަޖިލިސް އިންތިޚާބުން ބޮޑު ތަފާތަކުން އެމްޑީޕީން ކުރި ހޯދި މައި ދާއިރާތަކުން މިފަހަރު ފެނިގެން ދިޔައީ އެމްޑީޕީއަށް ގޮނޑި ގެއްލިގެން ދިޔަ ތަނާއި އުނދަގޫ ގޮތަކަށް ގޮނޑި ކާމިޔާބުކުރި ތަނެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން މި އިންތިޚާބަކީ އެމްޑީޕީން ހަނދާން ނައްތާލަން ބޭނުންވާނެ އިންތިޚާބެއް ކަމަށް ފެނެއެވެ. އެގޮތުން އެޕާޓީއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ރައީސް ނަޝީދު ޔަގީންކުރި މާލޭގެ މޭޔަރުގެ މަގާމު ގެއްލުމެވެ.

ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަން ކާމިޔާބުކުރީ އެމްޑީޕީގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަދި ރައީސް ނަޝީދުގެ ކޮއްކޮ އަނަސް އަބްދުއްސައްތާރު، ބޮޑު ތަފާތަކުން ބަލިކޮށްގެންނެވެ. މީގެ އިތުރުން، އެމްޑީޕީއަށް ވަނީ މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް، ކައުންސިލްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މިފަހަރުގެ އިންތިޚާބުގައި ގެއްލިފައެވެ.

އައްޑޫ ސިޓީއަށް ބަލާއިރު ގޮނޑިތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުނަސް، މޭޔަރު ފިޔަވައި ދެން ވާދަކުރި 12 ގޮނޑީގެ ދެބައިކުޅަ އެއް ބައި އެމްޑީޕީއަށް ވަނީ ގެއްލިފައެވެ. ވޯޓަށް އަހާއިރު މޭޔަރަށް ވޯޓެއް ނުލެވޭއިރު ވޯޓު ހަމަހަަމަ ވެއްޖެނަމަ އެމްޑީއަށް ވޯޓު ކާމިޔާބުކުރުމަށް މިނިވަން ތިން ކެންޑިޑޭޓުންނާއި ޕީޕީއެމްގެ ތިން ކެންޑިޑޭޓުންގެ އެހީތެރިކަން ބޭނުންވާނެއެވެ.

މިއީ އެމްޑީޕީއަށް އައްޑޫ އިން ކައުންސިލް އިންތިޚާބުގެ ތާރީޚުގައި ވެސް ގޮނޑިއެއް ގެއްލުނު ފުރަތަމަ އިންތިޚާބެވެ. ފާއިތުވެދިޔަ ތިން އިންތިޚާބުންވެސް އެމްޑީޕީ އިންތިޚާބު ނިންމާލީ %100 ގޮނޑި އެޕާޓީގެ ކެންޑިޑޭޓުން ކާމިޔާބުކޮށްގެންނެވެ.

ފުވައްމުލަކާއި ކުޅުދުއްފުށި ސިޓީން އެމްޑީޕީއަށް ހިތްހަމަ ޖެހޭ ވަރުގެ ކާމިޔާބީއެއް ލިބުނު ނަމަވެސް، ގދ. އަތޮޅުގެ ކައުންސިލްގެ ގިނަ ގޮނޑިތަކެއް ވެސް އެޕާޓީއަށް މިފަހަރު ވަނީ ގެއްލިފައެވެ. އެގޮތުން ގދ. އަތޮޅު ކައުންސިލްގެ ރައީސްގެ ގޮނޑި އާއި ހުޅުދުއްފާރު ކައުންސިލްގެ މެޖޯރިޓީ ވެސް ވަނީ އެމްޑީޕީއަށް ގެއްލިފައެވެ.

ރިޔާސީ އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތަކުން މިއަދުގެ ސަރުކާރަށް "އާނއެކޭ" ބުނި ރައްޔިތުން އިއްޔެ ނޫނެކޭ ބުނަން ޖެހުނީ، އަދި ވޯޓުގައި ބައިވެރިނުވާން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ވައުދުވި އިސްލާހުކުރަން ވައުދުވި ގިނަ ކަންކަން އިސްލާހު ނުކުރެވި، ވަގުން ހިފަން އައި ސަރުކާރަށް ވަގުން ނުހިފި ވަގުންނާ ބައިއަތު ހިފުމެވެ.

ސޯޝަލް މީޑިޔާގެ އެކި މަސްދަރުތަކަށް ބަލާއިރު ފެންނަނީ މިސަރުކާރާއި މަޖިލިސް އިންތިޚާބު އެމްޑީޕީއަށް ހޯދައިދިން އެތައް ހާސް ޒުވާނުންނެއް މާޔޫސްވެ އުއްމީދު ކެނޑިގޮސްފައި ތިބި މަންޒަރެވެ. ގިނަ ބަޔަކަށް ލޯކަލް ކައުންސިލް އިންތިޚާބު ވެގެން ދިޔައީ އަމިއްލަ އަތުން ތިން ވަނަ ފަހަރަށް އަމިއްލައަށް ކުރެވޭ މަލާމާތެއްގެ ގޮތުގައެވެ.

ސަރުކާރަށް ދެ އަހަރުވެ ނިމިގެން ގޮސްފައިވާއިރު ގިނަ ރައްޔިތުން އުއްމީދު ކުރި ބަދަލަކާ ގާތަށް ވެސް ނަތީޖާ ނެރެދީފައި ނުވާކަން އެއީ އެދުވަހުގެ އުފަލުން ބަދަލަކަށް ވޯޓުލި އެތައް ބަޔަކު ވޯޓު ކަރުދާސް ފެނިލަންވެސް ނުދެވުނު އެންމެ ބޮޑު އެއް ސަބަބެވެ.

ދެން އޮތީ ރިޔާސީ އިންތިޚާބެވެ. އިއްޔެ ވޯޓުލާން ނުދިޔަ ރައްޔިތުން ސަރުކާރަށް ދިނީ ވަރުގަދަ މެސެޖެކެވެ. ޕާޓީއަށް ބަލައިގެން ޖަހާހާ ބެރަކަށް ނެށުމުގެ ސަގާފަތް ނިމިގެން ގޮސްފައިވާ ކަމެވެ. ވައުދު ނުފުއްދޭ ނަމަ ރައްޔިތުންގެ އެހީތެރިކަމެއް ވޯޓު މަރުކަޒުގައި ނޯންނާނެ ކަމެވެ.

ސަރުކާރުން މާލެ އާއި އައްޑު އަށް ގިނަ ވައުދުތަކެއް ވެރިކަމުގެ ކުރީކޮޅު ވެފައިވި ނަމަވެސް ރައްޔިތުން އެދޭ ފަދަ ކުރިއެރުމެއް ގެނެސްދީފައި ނުވާކަން މިއިންތިޚާބަށް ބެލުމުން ކަށަވަރުވެއެވެ.

މުޅި ރާއްޖެއަށް ބަލާއިރު ސަރުކާރަށް މިއިންތިޚާބަކީ ލިޔުމުން ކާމިޔާބު އިންތިޚާބެއް ކަމުގައި ބެލެވިދާނެއެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވާން މި އިންތިޚާބަކީ ގިނަ ފިލާވަޅުތަކެއް ދަސްކުރާން ސަރުކާރަށް ލިބުނު ފުރުސަތެއް ކަމުގައި ބެލުން ބުއްދިވެރިއެވެ.