Last Updated: April 18, 06:09
Thursday, April 18, 2024
ޚަބަރު

ރައްޔިތުން ޔާމީނަށް މާލެ ސިޓީ ދީފި: ޝުޖާއު

ދިވެހި ރައްޔިތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މާލެ ސިޓީ އިއްޔެ ދީފައިވާ ކަމަށް، ހުޅުމާލެ ދާއިރާގެ ކައުންސިލަރު ކަމަށް އިންތިހާބުވި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ކައުންސިލް އިންތިހާބުގައި ޕީޕީއެމް އަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ވާހަކަދައްކަމުން ޝުޖާއު ވިދާޅުވީ މި އިންތިހާބުގައި ކާމިޔާބު ހޯދި ޕީޕީއެމްގެ ކައުންސިލަރުންނަކީ މާލެ އަށް ނަމޫނާ ދައްކާނެ ބައެއް ކަމަށާއި އެއީ ސަރުކާރަށް ދުއްޕާން ކުރާނެ ބައެއް ނޫން ކަމަށެވެ.

އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލެ އަށް ގެނެސްދިން އިންގިލާބީ ބަދަލު އެގޮތުގައި އޮތުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

"11 އަހަރަށްފަހު ތި ދެއްވީ އަޅުގަނޑުމެންނަށް މި ސިޓީ. ރައީސް ޔާމީނަށް ތި ދެއްވީ މާލެ ސިޓީ. އެމަނިކުފާނުގެ ޒައާމަތުގައި މި މާލެ އަށް ގެނެސްދެއްވި އިންގިލާބީ ބަދަލު އެގޮތުގައި އޮތުމަށް މަސައްކަތް ކުރާނަން" ޝުޖާއު ވިދާޅުވިއެވެ.

އަދި މިހާރުން މިހާރަށް ޔާމީން މިނިވަން ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށާއި، ރައްޔިތުން މިހާރު ބަސް ބުނެފައިވާ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. އަދި އިއްޔެގެ ވޯޓަކީ ޔާމީނަށް ދެއްވި ވޯޓެއް ކަމަށާއި މިއީ އެމަނިކުފާނުގެ ފިކުރަށް ރައްޔިތުން ދެއްވި ވޯޓެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި ޕީޕީއެމުން ވަނީ މާލޭ މޭޔަރުކަމާއި، މާލޭ ސިޓީ ކައުންސިލުގެ މެޖޯރިޓީ ހޯދާފައެވެ. އަދި މިހާތަނަށް 9 އަތޮޅެއްގެ ރައީސްކަން ވެސް ޕީޕީއެމުން ވަނީ ކަށަވަރުކޮށްފައެވެ.