Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

އަޅުގަނޑަށް އޮތް މަގުބޫލު ކަމެއް ނުގެއްލޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މުންޝިދު

ކައުންސިލް އިންތިހާބުން އެމްޑީޕީ އަށް ނާކާމިޔާބުވި ނަމަވެސް އެމަނިކުފާނަށް އޮތް މަގުބޫލުކަން ގެއްލިގެން ގޮސްފައިވާ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ އެއްވެސް ސިޔާސީ ލީޑަރެއް ވެސް، އެއްވެސް ސިޔާސީ ޕާޓީއެއް ވެސް އަދި އެއްވެސް ފިކުރެއް ވެސް މާ މޮޅު ބަޔަކަށް ވެގެން އުޅެވިދާނެ ކަމަށް ދެކިގެން ނުވާނެ ކަމަށާއި ކޮންމެ މީހަކު ވެސް ނިމިގެންދާނީ ތިން ފިލާގައި ކަމަށެވެ.

އަދި އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް އެމްޑީޕީ އަށް ކުރިއަށް އޮތް ތަނުގައި ވޯޓު ނުލިބިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި މިއީ ފަހަތަށް ޖެހެންވީ ވަގުތެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އަދި އަޅުގަނޑު ނުދެކެން، ޒާތީ ގޮތުން އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި އޮތް މަގުބޫލު ކަމެއް ގެއްލި ގޮސްފި ކަމަކަށް ވެސް. އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑު މިކަމުން ވަކިވާކަށް ނޫން ޖެހެނީ. އަދި ބޮޑަށް ބައިވެރިވާން ޖެހެނީ. އަޅުގަނޑު މިހުރީ އަދި މިއަށް ވުރެ ބޮޑަށް ބައިވެރިވާން ތައްޔާރަށް" ނަޝީދު ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް މާލޭ ސިޓީގެ މޭޔަރުކަމާއި، އެ ކައުންސިލްގެ މެޖޯރިޓީ ގެއްލިފައިވާއިރު އަތޮޅުތެރެއިން ވެސް އެމްޑީޕީ އަށް ތާއީދު ބޮޑު ރަށްތަކުގެ މެޖޯރިޓީ އެޕާޓީ އަށް ވަނީ ގެއްލިގެން ގޮސްފައެވެ. މިއީ 11 އަހަރަށްފަހު އެމްޑީޕީ އަށް މާލޭގެ މެޖޯރިޓީ ގެއްލުނު ފުރަތަމަ ފަހަރެވެ.

މި ނާކާމިޔާބީއާ ގުޅިގެން އެމްޑީޕީގެ ލީޑަޝިޕަށް ބަދަލުތައް ގެންނަން އެ ޕާޓީގެ ބައެއް ސަޕޯޓަރުން ގޮވާލި ނަމަވެސް ނަޝީދު ވަނީ އެމަނިކުފާނު ޕާޓީގެ ލީޑަޝިޕުން ދުރަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.