Last Updated: April 23, 23:56
Tuesday, April 23, 2024
ރިޕޯޓް

"ސަލްޓަން ޕާކު"ގެ ނަން، އަނެއްކާވެސް "ރަސްރަނި ބަގީޗާ" އަށް؟

ރަސްރަނި ބަގީޗާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

ލޯކަލް ކައުންސިލް އިންތިހާބުގެ މާލޭގެ ނަތީޖާ އަކީ ސަރުކާރާ އެމްޑީޕީގެ މޫނުމަތީގައި ރައްޔިތުން ޖެހި ތަފާއްޔެކެވެ. އެމްޑީޕީއަށް މާލެސިޓީ ކައުންސިލްގެ މެޖޯރިޓީ ގެއްލި މޭޔަރުގެ މަގާމުވެސް ގެއްލުނީއެވެ.

މޭޔަރުކަމަށް އިންތިހާބުވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއަކީ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު މާލެސިޓީ ކައުންސިލަށް އެކި ގޮތްގޮތުން ނުހަނު ދަތި އުނދަގޫ ކުރިމަތިކުރުވި ފަރާތެކެވެ. ސިޓީ ކައުންސިލުން ކުރަމުން އައި އެތައް ކަމެއް އެ ކައުންސިލްގެ އަތުން ނަގާ ހައުސިން މިނިސްޓަރުގެ ބާރުގެ ދަށަށް ގިނަ ކަންކަން ގެންދެވިއިރު އޭގެތެރެއިން ގެންދިޔަ އެއް ކަމަކީ ޕާކު ތަކާއި މަައިޒާންތަކުގެ މަސައްކަތްތަކެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ޕާކުތަކާއި މައިޒާންތައް ހެއްދެވުމުގައި ޑރ. މުއިއްޒު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނަވާ ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. މާލޭގެ އެކު ސަރަހައްދުތަކުގައި ޕާކުތައް ހެއްދެވިއެވެ. އެންމެ ފަހުން ރައީސް މައުމޫންގެ ވެރިކަމުގައި ހެއްދެވި "ސަލްޓަން ޕާކް"ގެ ނަން "ރަސްރަނި ބަގީޗާ"އަށް ބަދަލުކޮށް އެތަނަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނެވީ މުއިއްޒުއެވެ.

ސަލްޓަން ޕާކުގެ ނަން ރަސްރަނި ބަގީޗާއަށް ބަދަލުކުރުން ވެގެންދިޔައީ އޭރު އިދިކޮޅުގައިތިބި ފަރާތްތަކުން އެކަމަށް ނުހަނު ފާޑުކިޔުން އަމާޒުކުރި ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ވެރިކަން ބަދަލުވެ މިސަރުކާރު އައިސް، އެމްޑީޕީ މެޖޯރިޓީ އޮތް މާލޭ ސިޓީ ކައުންސިލަށް ޕާކުތަކާއި މައިޒާންތައް ހިންގުމުގެ ބާރު ދިނުމާއެކު އެންމެ ފުރަތަމަ ކުރި އެއްކަމަކަށް ވެގެން ދިޔައީ ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކަށް އަނބުރާ ބަދަލުކުރުމެވެ. 

އަނެއްކާވެސް ޕާކުތަކުގެ ބާރުތައް ޑރ. މުއިއްޒުގެ އަތްމައްޗަށް ދަނީއެވެ. ސަލްޓަން ޕާކުގެ ނަން އަނެއްކާވެސް ރަސްރަނި ބަގީޗާއަށް ބަދަލު ކުރާނެ ބާއެވެ؟