Last Updated: April 27, 10:00
Saturday, April 27, 2024
ޚަބަރު

އަލްހާނަށް ލިބުނީ ބާތިލް ވޯޓަށް ވުރެ މަދު ވޯޓެއް

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރެއްވި އަލްހާން ފަހުމީ އަށް ލިބުނީ ވޯޓުލީ 21،091 ވޯޓުގެ ތެރެއިން އެންމެ 275 ވޯޓު ކަމަށް އީސީން އިއުލާން ކޮށްފިއެވެ.

އީސީގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި އަލްހާނަށް ލިބުނު ވޯޓަށް ވުރެ މާލޭ ފޮށިތަކުން ނެގި ބާތިލް ވޯޓުވެސް ގިނައެވެ. ބާތިލު ވޯޓުގެ ގޮތުގައި 970 ވޯޓު އަޅާފައިވާ ކަމަށް އީސީން ބުނެފައިވެއެވެ.

މިއަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ލާފައިވަނީ އެހެން އިންތިޚާބުތަކާ ޚިލާފަށް މަދު އަދަދެކެވެ. ޚާއްސަކޮށް މާލޭގައި މިފަހަރު ވޯޓުލާން ނިކުމެފައިވަނީ 51،702 މީހުންގެ ތެރެއިން އެންމެ 21،091 މީހުނެވެ. މިއީ ވޯޓު ހައްގު އާބާދީގެ އެންމެ %40 ޕަސެންޓެވެ.

ކުރީގެ ފޭދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އަލްހާން ފަހުމީ އަށް 2009 ވަނަ އަހަރުގެ އިންތިޚާބަށް ފަހު ކާމިޔާބީއެއް ނުލިބެއެވެ. އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔާ އަލްހާން މާލޭގެ މޭޔަރު ކަމަށް ނިކުތީ ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުއާއި އެމްޑީޕީގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާ ވާދަކުރުމަށެވެ.

އިންތިޚާބުން ޑރ. މުއިއްޒު ކާމިޔާބު ހޯއްދެވީ 12،441 ވޯޓު ލިބިވަޑައިގެންނެވެ. އަނަސް އަށް ލިބިލެއްވީ 7،400 ވޯޓެވެ.