Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

އިންތިހާބީ މަރުކަޒަށް ރައީސް ނަޝީދު ވަޑައިގަތުމުން މައްސަލަ ހޫނު ވެއްޖެ

އިންތިހާބީ މަރުކަޒު ބާޖަމާލުއްދީނަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމުން އެތަނުގެ މަސްރަހު ހޫނު ވެއްޖެއެވެ.

ރައީސް ނަޝީދުގެ އަރިހުގައި އެމްޑީޕީގެ ނައިބު ރައީސް އަހުމަދު ޝިފާޒް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވަނީ ބާ ޖަމާލުއްދީނަށް ވަޑައިގެންފައެވެ.

އަދި އިދިކޮޅުގެ ފަރާތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަދި މާލޭ މޭޔަރުކަން ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ވެސް ބާޖަމާލުއްދީނަށް ވަޑައިގެންފައެވެ.

ރައީސް ނަޝީދު އިންތިހާބީ މަރުކަޒަށް ވަޑައިގަތުމުން އިދިކޮޅުން ވަނީ އެތަނަށް އެއްވެ އަޑުގަދަކޮށް ރައީސް ނަޝީދު އެތަނުން ނެރުމަށް ގޮވާލާފައެވެ. އަދި އެކަމާއި ގުޅިގެން ރައީސް ނަޝީދު އެސަރަހައްދު ދޫކޮށް ދިއުމުން ފުލުހުން ވަނީ އިދިކޮޅުގެ ފަރާތްތައް ވެސް ބާޖަމާލުއްދީނުން ނެރެފައެވެ.

ބާޖަމާލުއްދީނަށް ވަދެ ފުރަތަމަ އިހުތިޖާޖް ފަށާފައިވަނީ އިދިކޮޅު ފަރާތްތަކުންނެވެ. އިދިކޮޅުން ބާޖަމާލުއްދީނަށް ވަދެފައިވަނީ މިއަދު މެންދުރު 18 ވޯޓު ފޮށްޓެއް އަލުން ގުނުމަށް އީސީން ނިންމުމާ ގުޅިގެންނެވެ.