Last Updated: April 25, 10:47
Thursday, April 25, 2024
ޚަބަރު

ބާޖަމާލުއްދީނަށް ދިޔައީ އަބްދުއްރަހީމް އެތަނުން ނެރެން: ރައީސް ނަޝީދު

އިންތިހާބީ މަރުކަޒު، ބާޖަމާލުއްދީނަށް ވަޑައިގަތީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ މީހުން ބާޖަމާލުއްދީނުން ނެރެން ވެގެން ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ސޯޝަލްމީޑިއާ ގްރޫޕެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ބާޖަމާލުއްދީނަށް ދާންޖެހުނީ ވޯޓު ފޮށި ކައިރީ އަބްދުއްރަހީމާއި ޕީޕީއެމްގެ އިސްވެރިން ތިބޭތާ ގިނަ އިރުތަކެއް ވުމުން ކަމަށެވެ.

ތިރީސް މިނެޓް ވީއިރުވެސް އެކަން ހައްލު ނުކުރެވުނު ކަމަށާއި، މިހާރު އަބްދުއްރަހީމް އެތަނުން ނެރެވިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމްގެ އިސް ފަރާތްތަކުން ބާޖަމާލުއްދީނަށް ވަދެ އިހުތިޖާޖް ކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނުން 18 ވޯޓު ފޮށްޓެއް އަލުން ގުނުމަށް ނިންމުމާއި ގުޅިގެނެވެ.

ރައީސް ނަޝީދު ބާޖަމާލުއްދީނަށް ވަޑައިގަތުމުން އެތަނުގެ މަސްރަހު ހޫނުވިއިރު، ރައީސް ނަޝީދ މިހާރު ވަނީ އެސަރަހައްދު ދޫކޮށް ވަޑައިގެންފައެވެ. އަދި ފުލުހުން މިހާރު ވަނީ އިދިކޮޅުގެ ފަރާތްތައް ބާޖަމާލުއްދީނުން ނެރެފައެވެ.