Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

އޮފިޝަލުން ނޫން ބަޔަކަށް އީސީގެ އިދާރާއަށް ވަދެވިގެން ނުވާނެ: ނަޝީދު

ނަޝީދު އިންތިހާބާއި ބެހޭ މަރުކަޒުގައި - ފޮޓޯ: ސަން

އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް އޮފިޝަލުން ނޫން ބަޔަކަށް ވަދެވިގެން ނުވާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިމިވަނީ އެމަނިކުފާނާއި އެމްޑީޕީގެ އިސްވެރިން މިއަދު އިންތިހާބާއި ބެހޭ މަރުކަޒު (ބާ ޖަމާލުއްދީން) އަށް ވަޑައިގަތުމާ ގުޅިގެން އެ ސަރަހައްދުގެ މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ނަޝީދު ވިދާޅުވީ އެމަނިކުފާނު އީސީގެ އިދާރާ ދޮށަށް އަށް ވަޑައިގަންނަވަން ޖެހުނީ T4 ގެ ވޯޓު ފޮށި އަލުން ގުނުމަށް ތައްޔާރުވެފައި ވަނިކޮށް އެތަނަށް ގޮސް ޕީޕީއެމްގެ އިސްވެރިން އީސީ އީދާރާއަށް ވަދެވަޑައިގެން 30 މިނެޓު ވީއިރު ވެސް ނުކުންނެވުމުން ކަމަށެވެ. އެގޮތުން އީސީގެ އިދާރަށް ވަދެވެން ޖެހޭނީ ހަމައެކަނި އޮފިޝަލުންނަށް ކަމަށާއި އެމަނިކުފާނު ހުންނެވީ ބޭރުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިއަދު 13:30 އިން ފެށިގެން ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން އޮތީ ނިންމާފައެވެ. ވޯޓު ފޮށިތަކެއް ގުނަނީ ވަގުތީ ނަތީޖާ ކަށަވަރުކުރުމަށް ކަމަށް އީސީން ބުނެއެވެ.

ނަމަވެސް އެކަމާ އިދިކޮޅު ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކޮށް އެ ސަރަހައްދަށް އެއްވެ އަޑުގަދަކުރަމުންދިޔައިރު، ނަޝީދާއި އެޕާޓީގެ އިސްވެރިން އެ ސަރަހައްދަށް ވަޑައިގަތުމުން މަސްރަހު ވަނީ ހޫނުވެގެން ގޮސްފައެވެ.

ނަޝީދާއި އެމްޑީޕީގެ އިސްވެރިން މިހާރު އެ ސަރަހައްދު ދޫކޮށް ގޮސްފައިވީ ނަމަވެސް އެ ސަރަހައްދުގައި އަދިވެސް ގިނަ އަދަދަކަށް އާންމުން ވަނީ އެއްވެފައެވެ. އާންމުން އެ ސަރަހައްދުން ދުރަށް ފޮނުވާލުމަށް ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.