Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

ރައްޔިތުން ވޯޓުލާން ނުނިކުތީ ޔާމީން ދޫކޮށްލާވާހަކަ ދައްކާތީ ކަންބޮޑުވެގެން: އަލީ އާޒިމް

މެމްބަރު އަލީ އާޒިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ލޯކަލް ކައުންސިލް އިންތިހާބުގައި މަދުބަޔަކު ވޯޓުލާން ނުކުތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރާ ވާހަކަ ދައްކާތީ އެކަމާ ކަންބޮޑުވެގެން ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ މަސްވެރިން، ދަނޑުވެރިން އަދި ހުރިހާ ފަރާތްތަކެއްގެވެސް ޝަކުވާތަކެއް އެބަހުރިކަމަށާއި، އެކަމަށް ދެކޮޅު ނަހަދާނެ ކަމަށެވެ.

އަލީ އާޒިމް ވިދާޅުވީ ނިމިދިޔަ އިންތިހާބަކީ އެމްޑީޕީއަށް ގެއްލުނު އިންތިހާބެއްކަމަށް ބުނެވެން ނެތްކަމަށެވެ. އެހެންނަމަވެސް މާލޭގެ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވީ ބައިވަރު ސަބަބުތަކަކާ ހެދިކަމަށެވެ.

މީގެ ކުރިން ވެރިކަން ތަކުގައި ރައްޔިތުން ތިބީ ކަސްތަޅުއެޅިފައި ކަމަށާއި، އެހެންކަމުން މިނިވަންކަމެއް ލިބޭއިރަށް ވީހާވެސް އަވަހަށް ކަންކަން ކުރަން ރައްޔިތުން ބޭނުންވާނެ ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމެއް ވާނީ އެކަމެއް ކުރުމަށް އޮންނަ މުއްދަތުގެ ތެރޭގައިކަން ގަބޫލުކުރަން ޖެހޭނެ ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.

އަލީ އާޒިމް ވިދާޅުވީ ރައްޔިތުން މި އިންތިހާބުގައި ބުނީ ކުރީގެ ރައީސް ޔާމީން ދޫކޮށްލަން ނޫންކަމަށާއި، ގިނަ ރައްޔިތުން ވޯޓުލާން ނުނިކުތީ ރައީސް ޔާމީން ދޫކޮށްލާ ވާހަކަ ދައްކާތީ އެކަމާ ކަންބޮޑުވެގެން ކަމަށެވެ. ރައްޔިތުން ވޯޓު ލާން ނުނިކުތީ މީގެ ކުރިން ކޮރަޕްޝަން ހިންގާފައި ތިބި މީހުން ހިޔާ ހައްޔަރު ކުރާލެއް ލަސްވެގެން ކަމަށްވެސް އަލީ އާޒިމް ވިދާޅުވިއެވެ.

މިސަރުކާރުގައި ވެސް ވައްކަން ކުރަމުންދާކަން ފާހަގަކޮށް އަލީ އާޒިމް ވިދާޅުވީ އެހެންނަމަވެސް އެކަން ކުރީ ސަރުކާރަށް ވުރެއް 80 އިންސައްތަ ދަށްކޮށްފައިވާ ކަމަށެވެ.

އަލީ އާޒިމް ވިދާޅުވީ ކުރީ ސަރުކާރުން ހިންގާފައިވާ ޖަރީމާތައް ބަލަން ވަގުތު ނަގާނެ ކަމަށާއި ދެއަހަރާ ބަޔަކީ އަދދި ކުޑަ މުއްދަތެއް ކަމަށެވެ.