Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

އިންޓަނެޓްގެ ވައުދު ފުއްދުނުކަން ކަށަވަރެއް ނުވި، ރައްޔިތުންނަށްވީ ޖޯކަކަށް

އިންޓަނެޓްގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެގޮތުން އިންޓަނެޓުގެ އަގުހެޔޮކުރުމުގެ މަސައްކަތް ތަންފީޒު ކުރުމަށް ސަރުކާރުން ނިންމާފައި ވަނީ 2022 ވަނަ އަހަރު ކަމަށް ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (ސެޕް) ގައި ވަނީ ބަޔާންކޮށްފައެވެ. އެކަމަށް ކުރަންޖެހޭ ކަންކަން ސަރުކާރުން މިހާރު ވެސް އަންނަނީ ކުރަމުންނެވެ.

ސެޕްގައި އެގޮތަށް ބަޔާންކޮށްފައިވީ ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުގެރޭ ކޮމިއުނިކޭޝަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހު ވަނީ ރާއްޖެޓީވީގައި ވަރަށް ޔަގީންކަމާއެކު އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ރައީސް ވެވަޑައިގެންނެވި ވައުދު މިހާރު ފުއްދިފައިވާކަން އިއުލާންކުރައްވާފައެވެ. އަދި މިހާރު އެއް ޖީބީ ޑޭޓާ ފަސް ރުފިޔާ އަށް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އިންޓަނެޓްގެ އަގުހެޔޮވި ކަމުގެ އިހުސާސެއް، ރާހަތެއް ރައްޔިތުންނަށް ނުކުރާއިރު އެ ވާހަކަތަކާއި ގުޅިގެން އަލީ އަށާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް ރައްޔިތުން އަންނަނީ އަމާޒު ކުރަމުންނެވެ.

އެގޮތުން ބައެއް އާންމުން ސޯޝަލް މީޑީއާގައި ވަނީ ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ ބޭފުޅަކު ގަސްދުގައި ސަރުކާރުގެ އަގުވައްޓަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް އަލީ އެ މަގާމުން ދުރުކުރުމަށް ގޮވާލާފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ ސަރުކާރަށް މީހުންގެ ތާއީދު ގެއްލެނީ ލޮލަށް ނުފެންނަ ގޮތަށް ވައުދު ފުއްދާތީ ކަމަށްވާއިރު އަނެއް ބަޔަކު ވަނީ މިއީ ހުވަފެނުގައި ފުއްދި ވައުދެއްތޯ ވެސް ސުވާލުކޮށްފައެވެ.

"މިހާރު ބަލާލިއިރު ވެސް ޖީބީއެއް މި ލިބެނީ 75 ރުފިޔާއަށް. ރޯދަ އަށް ހުންނަ ވަގުތު އެކަނި ތޯއްޗެ ތިޔަ ބުނާ އަގު ލިބެނީ" އާންމު ފަރާތަކުން ބުނެފައިވެއެވެ. "ތިޔަ ޒާތަށް ވަޢުދު ފުއްދީމާ 2023 އަންނަންވާއިރަށް ތާއިދުކުރާ މީހުން ވަރަށް ގިނަވާނެހެން ހީވަނީ" މި މައްސަލައިގައި އެހެން ފަރާތަކުން ބުނެފައިވެއެވެ.

އަދި ރައްޔިތުންނަށް މިފަދަ ކަންކަމުގައި އޮޅުވާލުމަކީ ގޯހެއް ކަމަށާއި އިންޓަނެޓްގެ އަގުހެޔޮވި ކަމަށްވާނީ ހަރަދު އެއްވަރެއްގައި ހިފެހެއްޓި ހިދުމަތުން ލިބޭ ފައިދާތައް ރައްޔިތުންނަށް ގިނަވުމުން ކަމަށްވެސް އާންމު ފަރާތަކުން ވަނީ ބުނެފައެވެ.

އަލީ ސޯލިހު ހޫނު ފެނަށް ވެއްޓުނުއިރު އެންމެފަހުން މިވަގުތު ކޮމިއުނިކޭޝަން މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ފައްޔާޒު އިސްމާއިލް ވަނީ ނުސީދާ ގޮތެއްގައި އަލީ ދެއްކެވި ވާހަކަތަކަށް ރޭ ރައްދު ދެއްވާފައެވެ. އެގޮތުން ފައްޔާޒު ވަނީ އިންޓަނެޓުގެ އަގަށް ކުންފުނިތަކުން ގެނެސްފައިވަނީ ފާހަގަކުރެވޭ ފަދަ ބަދަލެއް ނޫން ކަމަށް ވިދާޅުވެފައެވެ. ފައްޔާޒުގެ މި ވާހަކައާއެކު ރައްޔިތުންނަށް މިހާރު ވަނީ މިކަމުގައި ގަބޫލުކުރަންވީ ކާކުގެ ބަސްކަން ވެސް ނޭނގޭ ހިސާބަށް އޮޅިފައެވެ. ސަބަބަކީ އެއް މިނިސްޓްރީއެއްގެ އިސް ދެ ބޭފުޅަކު މިކަމުގައި ގެންގުޅެނީ މުޅިން ތަފާތު ދެ ވިސްނުމެއް ކަމަށްވާތީއެވެ.

"ޤަބޫލުކުރަންވީ ކާކުގެ ބަސް ކަން ނޭނގޭ ދަރަޖައަށް އިންޓަރނެޓްގެ ކަންތައް މިދިޔައީ. އަލީ ސޯލިހު ވަޢުދު ފުދުނުކަން ކަށަވަރުކުރި އިރު ވުޒާރާ އާ ޙަވާލުވެ ހުންނެވި ވަޒީރުގެ ބަސްކޮޅު މިއޮތީ. ރައީސް ސޯލިހުގެ ކުރިމަގު ގަސްތުގަ ބަނަކުރަނީބާއޭ ވެސް ހިތަށް އެބަ އަރާ" އާންމު ފަރާތަކުން ބުންޏެވެ.

ރައްޔިތުންނާއި ގުޅުންހުރި މިފަދަ އަސާސީ ކަންކަމުގައި ވީހާވެސް ބޮޑަށް ބަލައި، ދިރާސާކޮށްގެން މެނުވީ މައުލޫމާތު ފޯރުކޮށްދިނުމަކީ ކަމާބެހޭ މިނިސްޓްރީތަކުން ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެހެން ނޫންނަމަ ސަރުކާރުން އަބަދުވެސް ޖެހޭނީ ޑިފެންސަށް ކުޅޭށެވެ.