Last Updated: April 26, 11:19
Friday, April 26, 2024
ކުޅިވަރު

ސިޓީ ބަލިކޮށް ޗެލްސީ ފައިނަލަށް

1-0 އިން މެންޗެސްޓަރ ސިޓީ ބަލިކުރުމަށްފަހު އިނގިރޭސި އެފްއޭކަޕްގެ ފައިނަލަށް ޗެލްސީ ދަތުރުކޮށްފިއެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގައި ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 55 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހަކީމް ޒިޔެކް އެވެ. ޒިޔެކް މި ގޯލު ކާމިޔާބުކުރީ ވާނާ ދިން ޕާހަކުން ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ އެވެ.

މި ގޯލަށްފަހު ވެސް ޒިޔެކް އަށް ވަނީ ޗެލްސީގެ ލީޑު ފުޅާކޮށްލަން ވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ ފަހު 20 މިނެޓްގައި ސިޓީން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު، މެޗުގެ ފަހު ވަގުތުކޮޅުތެރޭ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ ވަނީ ބޮލުން ޗެލްސީގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް އެ ހަމަލާ ޗެލްސީގެ ކީޕަރު ކެޕާ ވަނީ ދިފާއުކޮށްފައެވެ.

މިއީ މި މުބާރާތުގެ ފައިނަލަށް ޗެލްސީ ދަތުރުކުރި 15 ވަނަ ފަހަރެވެ. މުބާރާތް ޗެލްސީން ވަނީ 8 ފަހަރެއްގެ މަތިން މީގެކުރިން ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ ފައިނަލްގައި ޗެލްސީ ބައްދަލުކުރާނީ، ލެސްޓަ ސިޓީ އާއި ސައުތްހެމްޓަން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. ފައިނަލް އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.