Last Updated: May 7, 00:41
Thursday, May 6, 2021
ޚަބަރު

ތަހުގީގުތަކަކީ ޔާމީން ދެކެ ބިރުން އެމްޑީޕީން ހިންގާ ޖަރީމާއެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ތަހުގީގުތަކަކީ އެމަނިކުފާނު ދެކެ ބިރުން އެމްޑީޕީން ހިންގާ ޖަރީމާއެއް ކަމަށް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ފުލުހުންގެ ތަހުގީގަކަށް ޔާމީން މާލެ ގެނެސްފައިވާއިރު، ޖަމީލު ވިދާޅުވީ މިއީ ސިލްސިލާ ގޮތެއްގައި ކުރެވޭ ތަހުގީގުތަކެއް ކަމަށާއި މިއީ ޔާމީން ގެނެސްދެއްވި ތަރައްގީ އާއި ހިދުމަތް ފަނޑު ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.

"އަދި އެކަމުގެ ބިރުން ހަގީގަތުގައި އެމަނިކުފާނުގެ ވާދަވެރި ޕާޓީ ކަމަށްވާ އެމްޑީޕީ އާއި އަދި ހާއްސަ ގޮތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ ހުންނަވައިގެން ހިންގަވާ ވަރަށް ބޮޑު ޖަރީމާއެއްގެ ގޮތުގައި ސިފަކުރަނީ" ޖަމީލު ވިދާޅުވިއެވެ.

އަދި މިހާ ހިސާބަށް އައިއިރު އެމްއެމްޕީއާރުސީގެ މައްސަލައިގައި، އެމްޑީޕީއަށް ނިސްބަތްވާ އެއްވެސް މީހެއްގެ މައްޗަށް ދައުވާއެއް އަދި ތަހުގީގެއްވެސް ކުރެވިފައި ނުވާ ކަމަށާއި އޭގެ އިތުރުން ކޮވިޑްގެ ހާލަތުގައި އެމްޑީޕީގެ މީހުން ނިސްބަތްވާ އެތައް މިނިސްޓްރީއަކާ އެތައް ތަނެއްގައި ހިނގައިދިޔަ ބޮޑެތި ވައްކަންތައް ވެސް ތަހުގީގު ކުރެވިފައި ނުވާ ކަމަށް ޖަމީލު ވިދާޅުވިއެވެ.

"ރާއްޖޭގެ ހުރިހާ ރައްޔިތުން މިއަދު ބަސްބުނެފި. އެ ބަސް ބުނީ ރައީސް ޔާމީނުގެ މައްޗަށް، މިކުރާ ކަންތައްތަކަކީ ކަނޑައެޅިގެން އަނިޔާއެއް. އެއީ ޒާތީ ކަމެކޭ، ހަސަދަވެރިކަމެކޭ މީކީ ސިޔާސީ ކަމެކޭ. މީކީ އެއްވެސް ހާލެއްގައި ގާނޫނީ ކަމެއް ނުވަތަ ގާނޫނީ ކަމެއް އޮވެެގެން ކުރާ ކަމެއް ނޫނޭ. އެކަން ވޯޓުން ދައްކައިދިނީ ކައުންސިލް އިންތިހާބުގައި" ޖަމީލު ވިދާޅުވިއެވެ.

އަދި އަދުލު އިންސާފަކީ އެމްޑީޕީއަށް ނުވަތަ އެހެން ފަރާތަކަށް ނުވަތަ އެއްވެސް ސިޔާސީ މީހެއްގެ ނުފޫޒުގެ ދަށުގައި އޮވެގެން ކުރާ ކަމަކަށް ވެގެން ނުވާނެ ކަމަށާއި އަދި އަދުލު އިންސާފަށް އަތް ބޭނުމަށް ރައީސް ނަޝީދާއި، ރައީސް ސޯލިހު އަދި އެމްޑީޕީއަށް ޖާގަ ނުދިނުމަށް ވެސް ޖަމީލު ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން ޖޭއެސްސީ ބޭނުންކޮށްގެން "ފިއްތަވައިގެން" ފަނޑިޔާރުން ބޭނުން ކުރަން ކުރާ މަސައްކަތްތަކަށް ނޫނެކޭ ބުނުމަށް ވެސް ޖަމީލު ގޮވާލެއްވި އެވެ.