Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ބޮޑުވަޒީރަކަށް ވާން ބޭނުންވާކަން ނަޝީދު، ރައީސަށް ދަންނަވައިފި

ރައީސް ސޯލިހާއި، ރައީސް ނަޝީދު - ފޮޓޯ: ރައީސް އޮފީސް

ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންފުޅުވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވައިފިއެވެ.

ނަޝީދު، ރައީސް ސޯލިހަށް މިގޮތަށް ދެންނެވީ މިއަދު ހަވީރު އެމަނިކުފާނަށް ފޮނުއްވި މެސެޖެއްގައެވެ. އެގޮތުން އެ މެސެޖްގައި ނަޝީދު ވަނީ އެކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަަމަށް ވިދާޅުވެފައެވެ. މިކަން މިގޮތަށް ކުރެވޭނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްގެންނެވެ.

އެގޮތުން ނަޝީދު ވަނީ އަންނަ އަހަރު ފެބްރުއަރީ މަސް ތެރޭގައި ނިޒާމު ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށް އެ މެސެޖުގައި އެދިވަޑައިގެންފައެވެ. އަދި 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ނުބޭއްވުމަށްވެސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން 2024 ވަނަ އަހަރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާއިރު ގާނޫނުގައި ވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ވެސް ނަޝީދު ވަނީ އެ މެސެޖު ފޮނުއްވައިފައެވެ.

ނަޝީދަކީ ބަރުލަމާނީ ނިޒާމަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށްވާއިރު، އެމަނިކުފާނު މީގެކުރިން ވަނީ ރައީސް ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބުމުގެ އެންމެ ކަށަވަރު މަގަކީ ބަރުލަމާނީ ނިޒާމު ކަމަށްވެސް ވިދާޅުވެފައެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމާ ގުޅޭގޮތުން ރައީސް ސޯލިހު ވަނީ މިދިޔަ އަހަރުގެ މެދުތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ރައީސް ވަނީ މިވަގުތު ބަރުލަމާނީ ނިޒާމަކަށް ދިއުމާއި މެދު ނުވިސްނަވާ ކަމަށާއި، ހުރިހާ ވަގުތެއް ހުސްކުރަން ބޭނުން ވަނީ ވައުދުތައް ފުއްދުމަށް ކަމަށް ވިދާޅުވެފައެވެ.

އަދި ވެރިކަން ކުރާ ނިޒާމަކާމެދު ރައްޔިތުން މީގެކުރިން ގޮތެއް ނިންމާފައިވާ ކަމަށާއި އަދި އެ ނިޒާމު ބަދަލުކުރަން އެއްވެސް އިރެއްގައި ދެންވެސް ބޭނުން ވެއްޖެނަމަ އަނެއްކާވެސް ރައްޔިތުންގެ ގާތަށް ދާން ޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ބަރުލަމާނީ، ރިޔާސީ ނިޒާމެއްގެ ކަންކަން އޮތީ މީގެ ކުރިން ނިމިފައި. ކުރިން އޮތީ ރައްޔިތުން ގޮތަކަށް ނިންމާފައި. އެއްވެސް ޒަމާނެއްގައި އެކަން ކުރަން ބޭނުން ނަމަ ދެން ވެސް ހަމަ ދާން ޖެހޭނީ ރައްޔިތުންގެ ކައިރިއަށް،" ރައީސް ވިދާޅުވެފައިވެއެވެ.