Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ޔާމީން އަކީ ކުށްވެރިއެއް ނޫން: ޝުޖާއު

ޝުޖާޢު ރައީސް ޔާމީނާއެކު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަކީ ކުށްވެރިއެއް ނޫން ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ އިއްޔެ ޔާމީން މާލެ ގެނައިރު ސަޕޯޓަރުންނާއި ބައްދަލުކޮށްލަން ފުރުސަތު ނުދިނުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

އެގޮތުން ޝުޖާއު ވިދާޅުވީ ޔާމީން އަކީ ދިވެހި ރައްޔިތުންނަށް ފުއްދުންތެރި ފަސް އަހަރު ޚިދުމަތް ކުރި ވެރިއެއް ކަމަށާއި އެމަނިކުފާނުގެ ސަޕޯޓަރުންނަށް ސަލާމް ރައްދު ކޮށްލަން ފުރުސަތު ނުދެއްވާ ހުރަސް އެޅުމަކީ ބަލައިގަންނަން ދަތި ހުތުރު އަމަލެއް ކަމަށެވެ.

"މިއީ އަންޕްރޮފެޝަނަލް އަމަލެއް. ރައީސް ޔާމީނަކީ ކުށްވެރިއެއް ނޫން. ތިދެނީ އަނިޔާ" ޝުޖާއު ވިދާޅުވިއެވެ.

ޔާމީން އިއްޔެ މާލެ ގެނެސްފައިވަނީ ފުލުހުން ތަހުގީގު ކުރާ މައްސަލައަކާއި ގުޅިގެންނެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލައަކީ އެމްއެމްޕީއާރްސީއާ ގުޅުންހުރި މައްސަލައެކެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ މައްޗަށް މިހާރު ވެސް އަންނަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ މައްސަލައެއްގައި ދައުވާ ކުރަމުންނެވެ. އެގޮތަށް ފުށްގިރި މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ދައުވާ ރައިސް ޔާމީންގެ މައްޗަށް އުފުލާފައިވެއެވެ.