Last Updated: April 25, 17:59
Thursday, April 25, 2024
ކުޅިވަރު

ޔޫއެފާ އަށް ގޮންޖަހައި ޔޫރަޕިއަން ސުޕަ ލީގު އިއުލާންކޮށްފި

ޔޫއެފާ އާއި އެކި ގައުމުތަކުގެ ސިޔާސީ އަދި ކުޅިވަރާ ބެހޭ އިސް ފަރާތްތަކުގެ ދެކޮޅު ހެދުންތަކާއެކު ޔޫރަޕިއަން ސުޕަ ލީގު ރަސްމީކޮށް އިއުލާންކޮށްފިއެވެ.

މި ލީގު އިއުލާންކުރީ ޔޫރަޕްގެ ނަން މަޝްހޫރު 12 ކްލަބާއެކުއެވެ. އޭގެތެރޭގައި ހިމެނެނީ ރެއާލް މެޑްރިޑާއި، ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑް އާއި އާސެނަލް އާއި ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑާއި، މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލް އާއި ޓޮޓެންހަމް އާއި ޔުވެންޓަސް އާއި އޭސީ މިލާންގެ އިތުރުން އިންޓަ މިލާނެވެ.

ސުޕަ ލީގުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މި 12 ކްލަބުގެ އިތުރުން އިތުރު ތިން ކްލަބެއް ވަރަށް އަވަހަށް އެ ލީގާއި ގުޅޭނެ ކަމަށެވެ. އޭގެ އިތުރުން ސީޒަނުގައި ނެރޭ ނަތީޖާއަށް ބެލުމަށްފަހު އިތުރު ފަސް ކްލަބެއް އެ ލީގަށް ކޮލިފައިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސުޕަ ލީގަކީ ހަފްތާގެ މެދުތެރޭގައި ކުޅޭނެ މުބާރާތެއް ކަަމަށާއި އެއްވެސް ކްލަބަކުން އެ ކްލަބެއް ކުޅެމުން އަންނަ ގައުމެއްގެ ލީގުން ވަކިވުމުގެ ވިސްނުމެއް އަދި ނެތް ކަމަށްވެސް ބުނެފައިވެއެވެ. މި ލީގުގައި ޖުމްލަ 20 ކްލަބުން ވާދަކުރާއިރު 10 ޓީމު ހިމެނޭ ދެ ގްރޫޕް އޮންނާނެއެވެ. އެގޮތުން ކޮންމެ ގްރޫޕަކުން ވެސް އެންމެ ކުރި ހޯދާ ތިން ޓީމު މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކުރާނެއެވެ. ކުއާޓާގެ އަނެއް ޖާގަތައް ކަށަވަރުކުރާނީ ކޮންމެ ގްރޫޕެއްގެ ހަތަރުވަނަ އާއި ފަސްވަނައަށްދާ ޓީމުގެ މެދުގައި ކުޅޭ ދެ ލެގުގެ ޕްލޭޕޮފް މެޗަކުންނެވެ.

މި މުބާރާތް މިއަހަރުގެ އޮގަސްޓު މަހު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ސުޕަ ލީގުން ބުނެއެވެ.

ސުޕަ ލީގުގެ ޗެއާމަނަކީ ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެވެ. އަދި ވައިސް ޗެއާމަނުންނަކީ ލިވަޕޫލްގެ ވެރިޔާ ޖޯން ހެންރީ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ޖޯލް ގްލޭޒާ އާއި ޔުވެންޓަސްގެ ޗެއާމަން އަންދްރެއާ އަގްނޭލީއެވެ.

ޔޫއެފާ އާއި ދެކޮޅަށް އުފެއްދި ސުޕަ ލީގާއި ގުޅޭގޮތުން އެ އިދާރާ އިން ދެން ކުރިއަށްދާނެ ގޮތަކާއި މެދު މިއަދު މަޝްވަރާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.