Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

ޓޮޓެންހަމްގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

ޓޮޓެންހަމްގެ ކޯޗު ކަމުން ޖޯސޭ މޮރީނިއޯ ވަކިކޮށްފިއެވެ.

މީގެ 17 މަސް ދުވަސް ކުރިން ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވި މޮރީނިއޯ މަގާމުން ވަކިކޮށްފައި މިވަނީ ނަތީޖާތައް ދަށްވެ، އެޓީމުގެ ސަޕޯޓަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް އޭނާ އަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. މޮރީނިއޯ އެ މަގާމަށް އައްޔަން ކުރީ ޓޮޓެންހަމް އަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދިން މައުރީސިއޯ ޕޮޗެޓީނޯ މަގާމުން ވަކިކުރުމަށްފަހުއެވެ.

ލީގުގައި ބާކީ ހަ މެޗު އޮތްއިރު ޓޮޓެންހަމް މިވަގުތު އޮތީ 50 ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގައެވެ. އަދި އެންމެފަހުން ލީގުގައި ކުޅުނު ތިން މެޗުން ޓޮޓެންހަމް އަށް ހޯދިފައިވަނީ ދެ ޕޮއިންޓު ކަމަށްވާއިރު، މިދިޔަ މަހުގެ ތެރޭގައި އެޓީމު ވަނީ ޔޫރޮޕާ ލީގުން ވެސް ކަޓާފައެވެ.

މޮރީނިއޯ މަގާމުން ވަކިކުރިއިރު އަންނަ އާދީއްތަ ދުވަހުގެރޭ އިނގިރޭސި ލީގު ކަޕްގެ ފައިނަލްގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ޓޮޓެންހަމް ނިކުންނާނެއެވެ. ޓޮޓެންހަމް އަށް އެންމެފަހުން ތަށްޓެއް ކާމިޔާބު ކުރެވިފައިވަނީ 2008 ވަނަ އަހަރުއެވެ. އެފަހަރު ވެސް އެޓީމުން ކާމިޔާބުކުރީ ލީގު ކަޕެވެ.

މޮރީނިއޯގެ ބަދަލުގައި އާ ކޯޗެއް ހޯދުމުގެ މަސައްކަތް ޓޮޓެންހަމް އިން ފަށާފައިވާއިރު، މި ސީޒަނުގެ ނިޔަލަށް އެޓީމަށް އިރުޝާދު ދެނީ ރަޔަން މޭސަން އާއި ކްރިސް ޕަވަލް އެވެ.