Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ވޯޓަކުން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެކެވަޑައިގަންނަވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މީޑިޔާތަކަށް މަބްރޫކް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވި މެސެޖެއް ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

އެގޮތުން މިހާރު އަމަލުކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލުކުރުމަށް ނިންމާފައިވާ ގޮތެއް ކަމަށްވާތީ، މިކަމަށް ބަދަލެއް ގެނެވޭނީ ވެސް އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް ސޯލިހު ދެކެވަޑައިގަންނަވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އަދި އެފަދަ ވޯޓަކަށް ދިޔުމަށް ސަރުކާރުން ތައްޔާރުތޯ ސުވާލު ދެންނެވުމުން މަބްރޫކް ވިދާޅުވީ އެކަމާ ގުޅޭގޮތުން އިތުރު ނިންމުމެއް މިވަގުތު ނެތް ކަމަށެވެ. އަދި ރައީސް ނަޝީދު އެދިވަޑައިގެންފައިވަނީ އެކަމާ ގުޅޭގޮތުން ރައީސް އާއި މަޝްވަރާ ކުރެއްވުމަށް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރައީސް ސޯލިހަށް ނަޝީދު އިއްޔެ ފޮނުއްވި މެސެޖުގައި ވަނީ އަންނަ އަހަރު ފެބްރުއަރީ މަސް ތެރޭގައި ނިޒާމު ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށް އެދިވަޑައިގެންފައެވެ. އަދި 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ނުބޭއްވުމަށްވެސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން 2024 ވަނަ އަހަރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާއިރު ގާނޫނުގައި ވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ނަޝީދު އެދިވަޑައިގެންފައިވާއިރު، އެމަނިކުފާނަށް ތާއީދުކުރައްވާ ސަޕޯޓަރުން މިހާރު އަންނަނީ ބަރުލަމާނީ ނިޒާމު ގެންނަން ސޯޝަލް މީޑިއާގައި ކެމްޕެއިން ކުރަމުންނެވެ.