Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ނިޒާމު ބަދަލުކުރުމުގެ މަޝްވަރާއަކީ ވޯޓާއި ގުޅޭ ކަންކަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މުންޝިދު

ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ކޮންމެ މަޝްވަރާއަކީ ފެންނަ ނުފެންނަ ވޯޓާއި ގުޅޭ ކަންކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކޮށް ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންފުޅުވާކަން ރައީސް ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިއްޔެ ވަނީ ދަންނަވާފައެވެ. މިކަމާ ގުޅިގެން ރައީސް ވަނީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެން ވޯޓަކުން ކަމީ ޝައްކެއް ވެސް ނެތް ކަމެއް ކަމަށެވެ. އަދި ނިޒާމު ބަދަލުކުރުމުގެ ކޮންމެ މަޝްވަރާ އަކީ އަދި ކޮންމެ މަސައްކަތަކީ ފެންނަ ނުފެންނަ ވޯޓާއި ގުޅޭ ކަންކަން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ސޯލިހަށް ނަޝީދު އިއްޔެ ފޮނުއްވި މެސެޖުގައި ވަނީ އަންނަ އަހަރު ފެބްރުއަރީ މަސް ތެރޭގައި ނިޒާމު ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށް އެދިވަޑައިގެންފައެވެ. އަދި 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ނުބޭއްވުމަށްވެސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން 2024 ވަނަ އަހަރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާއިރު ގާނޫނުގައި ވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ނަޝީދު އެދިވަޑައިގެންފައިވާއިރު، އެމަނިކުފާނަށް ތާއީދުކުރައްވާ ސަޕޯޓަރުން މިހާރު އަންނަނީ ބަރުލަމާނީ ނިޒާމު ގެންނަން ސޯޝަލް މީޑިއާގައި ކެމްޕެއިން ކުރަމުންނެވެ.