Last Updated: April 25, 06:02
Thursday, April 25, 2024
ކުޅިވަރު

ސުޕަ ލީގުގައި ކުޅޭ ކުޅުންތެރިންނަށް ޔޫރޯ އާއި ވޯލްޑް ކަޕްގައި ނުކުޅެވޭނެ

ޔޫރަޕިއަން ސުޕަ ލީގުގައި ކުޅޭ ކުޅުންތެރިންނަށް މިއަހަރު ބާއްވާ ޔޫރޯ އާއި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގައި ނުކުޅެވޭނެ ކަމަށް ޔޫއެފާގެ ރައީސް އެލެގްޒެންޑާ ސެފެރިން ވިދާޅުވެއްޖެއެވެ.

ޔޫރަޕިއަން ސުޕަ ލީގަކީ ޔޫއެފާ އާއި އެކި ގައުމުތަކުގެ ސިޔާސީ އަދި ކުޅިވަރާ ބެހޭ އިސް ފަރާތްތަކުން ތަފާތު އެކި އިންޒާރުތައް ދެމުންދަނިކޮށް އުފެއްދި ލީގެކެވެ. މި ލީގު އުފައްދާފައިވަނީ ޔޫރަޕްގެ ނަން މަޝްހޫރު 12 ކްލަބާއެކުއެވެ. އޭގެތެރޭގައި ހިމެނެނީ ރެއާލް މެޑްރިޑާއި، ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑް އާއި އާސެނަލް އާއި ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑާއި، މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލް އާއި ޓޮޓެންހަމް އާއި ޔުވެންޓަސް އާއި އޭސީ މިލާންގެ އިތުރުން އިންޓަ މިލާނެވެ.

މިއަދު އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސެފެރިން ވިދާޅުވީ އެ ލީގުގައި ކުޅޭ ކްލަބުތަކުގެ ކުޅުންތެރންނަށް ޔޫރޯ އާއި ވޯލްޑް ކަޕްގައި ނުކުޅެވޭނެ ކަމަށާއި އަދި ފަހަރުގައި ގައުމީ ޓީމާއެކު އެއްވެސް މެޗެއް ކުޅުމުގެ ފުރުސަތު އެ ކުޅުންތެރިންނަށް ނުލިބުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

ސުޕަ ލީގަށް ފާޑު ވިދާޅުވަމުން ސެފެރިން ވަނީ އެއީ ތާކުންތާކު ނުޖެހޭ ލީގެއް ކަމަށާއި ޔޫރަޕްގެ ބޮޑެތި ހުރިހާ ގައުމެއްގެ އެސޯސިއޭޝަންތަކުން ތިބީ މިކަމާ ދެކޮޅަށް ކަމަށްވެސް ވިދާޅުވެފައެވެ. އަދި މި ލީގު ހަގީގަތަކަށް ވިޔަ ނުދިނުމަށް ހުރިހާ ފަރާތްތަކަކުން ވެސް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ތެެދުވުމަށް ވެސް ޔޫއެފާގެ ރައީސް ވަނީ ގޮވާލައްވާފައެވެ.

"މި ހިޔާލަކީ މިއީ ފުޓްބޯޅަ އަށް ލޯބިކުރާ ފަރާތްތަކުގެ މޫނަށް ޖެހި ކުޅެއް. އަހަރުމެންގެ އަތުން މިކަން ޖަހައިގަންނަން ފުރުސަތު ދީގެން ނުވާނެ" ސެފެރިން ވިދާޅުވިއެވެ.

ސުޕަ ލީގުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މިހާރު ބައިވެރިވެފައިވާ 12 ކްލަބުގެ އިތުރުން އިތުރު ތިން ކްލަބެއް ވަރަށް އަވަހަށް އެ ލީގާއި ގުޅޭނެ ކަމަށެވެ. އޭގެ އިތުރުން ސީޒަނުގައި ނެރޭ ނަތީޖާއަށް ބެލުމަށްފަހު އިތުރު ފަސް ކްލަބެއް އެ ލީގަށް ކޮލިފައިކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް މިއަހަރުގެ އޮގަސްޓު މަހު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ސުޕަ ލީގުން ބުނެއެވެ.