Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ވައްދަން މަޝްވަރާ އެބަކުރޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ވައްދަން އެމްޑީޕީގެ މަޖިލިސް މެމްބަރުން މަޝްވަރާ ކުރަމުންދާ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.

ޓޮމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ވެއްދުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރޭގައި މަޝްވަރާކުރެވެން ފަށާފައިވާ ކަމަށެވެ.

"ނަގޫ ގޮއް މިޖެހެނީ އެބޭފުޅުން އެބޭފުޅުންނާ" ޓޮމް ވިދާޅުވިއެވެ.

ޓޮމް މިހެން ވިދާޅުވެފައިވާއިރު ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި އެމްއެމްއޭ އިން ސަރުކާރުގެ ދަރަންޏަށް ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ދިން ހުއްދަ އިތުރުކޮށްދޭން ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ގޮތެއް ނުނިންމުމާ ގުޅިގެން އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުންތެއް އުފެދިފައެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު މަޖިލީހުން ވަނީ އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭ ލިމިޓު 4.4 ބިލިއަން ރުފިޔާއަށް މަތިކޮށްދީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ ފައިސާ އަނބުރާ ދެއްކުން ފަސްވާގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރުން އިސްތިސްނާ ކޮށްދީފައެވެ.

މަޖިލީހުން މިދިޔަ އަހަރު ދިން ހުއްދައިގެ މުއްދަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހަމަވާއިރު، ފިނޭންސް އިން އިއްޔެ ވަނީ އެ މުއްދަތު އިތުރުކޮށްދިނުމަށް މަޖިލީހަށް ހުށަހަޅާފަ އެވެ.

ނަމަވެސް މިއަދުގެ ވޯޓަށް އެހީ އެ މައްސަލަ އާއި ގުޅިގެން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ހުށަހެޅުއްވި ހުށަހެޅުއްވުމަށް އެކަނި އެވެ. އަފީފް ހުށަހެޅުއްވީ މުޅި މައްސަލަ ދިރާސާކުރުމަށް މުޅި މަޖިލީހުން ކަނޑައަޅާ ހާއްސަ ކޮމެޓީއަކުން އެކަން ކުރުމަށެވެ. ނަމަވެސް އެ ހުށަހެޅުން ފާހެއް ނުވެއެވެ.

އެ ހުށަހެޅުން ފާސްނުވުމާއެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މައްސަލައާއި މެދު ގޮތެއް ނުނިންމުނުކަން އިއުލާންކުރައްވާފަ އެވެ. މިއީ އާންމުކޮށް މަޖިލީހުގައި ކަން ކުރާ ގޮތެއް ނޫނެވެ. އެގޮތުން މީގެކުރިން އެފަދަ ހުށަހެޅުމެއް ފާސްނުވެއްޖެނަމަ އެ މައްސަލައެއް ދާއިމީ ކޮމިޓީއަށް އަލުން ފޮނުވުމަށް ނިންމިކަން ރިޔާސަތުން އިއުލާންކުރައްވައެވެ. މިކަމާ ގުޅިގެން އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި ވަނީ ހިތްހަމަނުޖެހުންތަކެއް އުފެދިފައެވެ.