Last Updated: April 19, 06:24
Friday, April 19, 2024
ކުޅިވަރު

ޔޫރަޕިއަން ސުޕަ ލީގުން ޗެލްސީ ވަކިވަނީ

ޔޫރަޕިއަން ސުޕަ ލީގުން ވަކިވާން ޗެލްސީން ނިންމައިފިއެވެ.

ޔޫރަޕިއަން ސުޕަ ލީގަކީ ޔޫއެފާ އާއި އެކި ގައުމުތަކުގެ ސިޔާސީ އަދި ކުޅިވަރާ ބެހޭ އިސް ފަރާތްތަކުން ތަފާތު އެކި އިންޒާރުތައް ދެމުންދަނިކޮށް އުފެއްދި ލީގެކެވެ. މި ލީގު އުފައްދާފައިވަނީ ޔޫރަޕްގެ ނަން މަޝްހޫރު 12 ކްލަބާއެކުއެވެ. އޭގެތެރޭގައި ހިމެނެނީ ރެއާލް މެޑްރިޑާއި، ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑް އާއި އާސެނަލް އާއި ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑާއި، މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލް އާއި ޓޮޓެންހަމް އާއި ޔުވެންޓަސް އާއި އޭސީ މިލާންގެ އިތުރުން އިންޓަ މިލާނެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޗެލްސީން މިހާރު އަންނަނީ މި ލީގުން ވަކިވުމުގެ ގޮތުން ސުޕަ ލީގަށް ޑޮކިއުމެންޓްތައް ފޮނުވުމަށް ތައްޔާރުވަމުންނެވެ. ސަޕޯޓަރުންގެ ޕްރެޝަރާއި ހެދި ޗެލްސީން ނިންމި މި ނިންމުމާއެކު އިތުރު ކްލަބުތައް ވެސް މި ލީގުން ވަކިވާނެ ކަމަށް މިހާރު ވަނީ ބެލެވެން ފަށާފައެވެ.

ޗެމްޕިއަންސް ލީގާއި ވާދައަށް އުފެއްދި މި މުބާރާތް މިއަހަރުގެ އޮގަސްޓު މަހު ފެށުމަށް އޮތީ ނިންމާފައެވެ.

ސުޕަ ލީގުގެ ޗެއާމަނަކީ ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެވެ. އަދި ވައިސް ޗެއާމަނުންނަކީ ލިވަޕޫލްގެ ވެރިޔާ ޖޯން ހެންރީ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ޖޯލް ގްލޭޒާ އާއި ޔުވެންޓަސްގެ ޗެއާމަން އަންދްރެއާ އަގްނޭލީއެވެ.

ޔޫއެފާ އާއި ދެކޮޅަށް އުފެއްދި ސުޕަ ލީގާއި ގުޅޭގޮތުން ޔޫއެފާ އާއި ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަނުންތަކުން ވަނީ ވަރުގަދަ އިންޒާރުތަކެއް ދީފައެވެ.