Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

އިބްރާ، އާޒިމަށް: މިއީ ނިކަމެއްޗެއް، އަނގަޔާ އަތާ ދިމާނުވާތާ 5 އަހަރުވެއްޖެ

މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުން އެއްބަސްވުމުން، އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ދެއްކެވި ވާހަކަތަކަށް އެ ކޮލެޖުގެ ޗެއާމަން އަދި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) ރައްދު ދެއްވައިފިއެވެ.

މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާ ދޭން ދައުލަތުން އެއްބަސްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރީގެ އެމްއީއެސް ހިންގި އިމާރާތުގައި ހިންގަމުން ދިޔަ މަންދު ކޮލެޖު އަތުން އެތަން އަތުލުމުން ބަދަލެއްގެ ގޮތުންނެވެ.

އެކަމާ ގުޅިގެން އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތު މީހާ އަނގަޔާއި އަތާ ދިމާނުވާ ކަމަށާއި ނަމަވެސް ބޮޑުންނަށް މިލިއަން ފައިސާ ލިބެމުންދާ ކަމަށެވެ.

އާޒިމަށް ރައްދު ދެއްވަމުން އިބްރާ ވިދާޅުވީ އާޒިމް އަކީ އެމްޑީޕީ ފިކުރު އިނގޭ މީހެއް ނޫން ކަމަށާއި އެ މައްސަލައާ ގުޅޭގޮތުން އެމްޑީޕީން މީގެކުރިން ދެއްކި ވާހަކަތައް ބަލާލުން ރަނގަޅުވާނެ ކަމަށެވެ.

"ބަލަ އާޒިމް، މަމީ ނިކަމެތި ރައްޔިތެކޭ. އަނގަޔާ އަތާ ދިމާނުވާތާ ފަސް އަހަރުވެއްޖެ" އިބްރާ ވިދާޅުވިއެވެ.

ޔާމީންގެ ސަރުކާރުގައި މަންދު ކޮލެޖު އަތުން އެމްއީއެސް އިމާރާތް ނެގީ 2015ވަނަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައެވެ. އޭރު އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެމްއީއެސް ހިންގަމުން އައީ އެތަނުގެ ވެރިންނާ އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

މިކަމާ ގުޅިގެން މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ވަނީ އެ އިމާރާތުން ބޭރުކޮށްލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 18 މިލިއަން ރުފިޔާ ހޯދުމަށް ދައުވާކޮށްފައެވެ. އެގޮތުން ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ އޭގެތެރެއިން 15 މިލިއަން ރުފިޔާ ދެއްކުމަށް އެއްބަސްވެފައެވެ. ދައުލަތުން އެއްބަސްވެފައި ވަނީ އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށެވެ.

މީގެކުރިން ވެސް މިގޮތަށް އުވާލާފައިވާ އެއްބަސްވުންތަކާއި ގުޅިގެން އެކި ފަރާތްތަކުން ގެއްލުމުގެ ބަދަލު ހޯދަން ދައުވާކުރުމުން ދައުލަތުން ވަނީ އެތައް ބިލިއަން ރުފިޔާއެއް ދީފައެވެ.