Last Updated: April 19, 06:56
Friday, April 19, 2024
ރިޕޯޓް

ކޮލަމް: ވެރިކަމުގެ ނިޒާމުގެ މައްސަލައެއް ނެތް! ބޭނުމީ އިހުލާސްތެރިކަން!

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ސަތާރަ އަހަރުން އިސްލާހުކޮށް އަމަލުކުރަންފެށި ނޫ ޤާނޫނުއަސާސީ އަލުން އިސްލާހު ކުރުމަށް އެމަނިކުފާނު ނިންމެވީ އޭރުގެ ސިޔާސީ ހަލަބޮލިކަމާ އެކު ކުރިމަތިވި އެކިއެކި ފިއްތުންތަކުގެ ސަބަބުން, އެމަނިކުފާނު ފެއްޓެވި އިސްލާހީ އެޖެންޑާގެ ދަށުން 2004 ވަނަ އަހަރުއެވެ. ނޫ ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ރައްޔިތުންގެ ހާއްސަ މަޖިލިސް އެކުލަވާލެއްވީ 2004 ވަނަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ. އިސްލާހީ ބަދަލަކަށް ދިވެހިން ކުރި ދިގު އުނދަގޫ ދަތުރު ހާއްސަ މަޖިލީހުގެ ތެރެއިންވެސް ފެނިގެންދިޔައެވެ. އިސްލާހީ މަސައްކަތުގެ ތެރެއިން 2007 ވަނަ އަހަރު ނިޒާމުގެ ވޯޓެއް ނެގުނެވެ. ބޭނުމަކަށްވީ ގާނޫނުއަސާސީ އެއްކޮށް އިސްލާހުކޮށްގެން އަންނައިރު ވެރިކަން ކުރުމަށް އޮންނަން ފެންނަނީ ކޮން ނިޒާމެއްތޯ ރައްޔިތުން ކުރެއް އެހުމެވެ. ރައްޔިތުންގެ ހިޔާލު ކަމަކަށް ހޯދާ އެ ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ޤާނޫނުއަސާސީގައި ކަންކަން ކަނޑައަޅާ ރިޔާސީ ނިޒާމެއްގެ ސިފަތައް ހިމަނާ އަދި ބަރުލަމާނީ ސިފަތަކެއްވެސް މަސްހުނިކޮށް ޤާނޫނުއަސާސީ ލިޔެ ނިންމާލީއެވެ. 2008 ވަނަ އަހަރު ދިވެހިންނަށް ފެހި ޤާނޫނުއަސާސީއެއް ލިބުނެވެ.

މިއީ ކުޑަ ހުލާސާއެކެވެ. ދިވެހިން މިހާރު މި އަމަލުކުރާ އަދި ރާއްޖޭގައި މި ގާއިމުވެފައި އޮތް ނިޒާމު ލިބުނު ގޮތާއި ކުރެވުނު މަސައްކަތުގެ ކުޑަ ހުލާސާއެވެ.

ތިން ބާރު ވަކިވެފައިވާ މި ނިޒާމަށް ދިވެހިން އަމަލުކުރަން ފެށިތާ މިއަހަރަށް ވާނީ 13 އަހަރެވެ. ކިރިޔާ ފުރާވަރަށް އެރިކަމެވެ. އަދި ރަނގަޅަށް މިއުޅެނީ ފެހި ފޮތުގައި ކަޅުކުލައިން ލިޔުނު ކަންކަމަށް ރަނގަޅަށް އަމަލު ކުރަން ނުފެށިގެންނެވެ.

މިހާ ބުރަ މަސައްކަތްކޮށް އަދި ރަނގަޅަށް އަމަލު ކުރަން ނުފެށި އުޅެނިކޮށް އަނެއްވާވެސް މިވަނީ ނިޒާމުގެ ބަހުސެއް ފެށިފައެވެ. ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ އަޑު ގަދަވެއްޖެއެވެ. ބޮޑުވަޒީރުކަން ހޯދައި، ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރުމުގެ ކެމްޕެއިން މިވަނީ ފަށާފައެވެ.

ބަރުލަމާނީ ނިޒާމަކަށް ދާން ވިސްނަނީ ކީއްވެ؟

މައްސަލައެއްކަމަށް ބައެއް ބޭބޭފުޅުން ވިދާޅުވަކީ ވައްކަމާއި ކޮރަޕްޝަން އިތުރުވުމެވެ. ސަރުކާރުގެ މަތިބަރުވެ އަބަދު ކޯލިޝަނެއް ހަދަންޖެހޭތީ އެއީވެސް މައްސަލައެއް ކަމަށް ބައެއްބޭބޭފުޅުން ވިދާޅުވެއެވެ. އަނެއްބަޔަކު ބުނަނީ ބަރުލަމާނީއަށް ފެށުނީއްސުރެއް އޮތް ލޯތްބެއްގެ ބޮޑުކަމުން ހަމަ އެނިޒާމު ބޭނުންވަނީ ކަމަށާއި, 2007 ވަނަ އަހަރުގެ ވޯޓު އޮޅުވާލީ ކަމަށެވެ.

ކޮރަޕްޝަނާއި ވައްކަމަށް އޮތް ހައްލަކީ ބަރުލަމާނީ ނިޒާމު ކަމަށް ވިދާޅުވުމަކީ މުޅިއަކުން ހަމަޖެހޭ ކަމެއް ނޫންނެވެ. އަދި ވަކިން ހާއްސަކޮށް އެވާހަކަ ދައްކަވަނީ މަޖިލީހުގެ މެމްބަރެއް ކަމަށްވާނަމަ އެ ދެކެވެނީ ވަރަށްވެސް ބޮޑު ގޯހެއްގެ ވާހަކަވެ. ކޮރަޕްޝަންގެ އަމަލުތައް ބަލާ ހުއްޓުވާ އެކަންކަމަށް ފާރަވެރިވުމަށް މިނިވަންމުއައްސަސާތައް ކަނޑައެޅިފައިވާއިރު ކޮރަޕްޝަން ގިނަވާކަމަށް ބެލެވޭނަމަ އެކަންކަމުގައި މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު އޮތީވެސް ރައްޔިތުންގެ މަޖިލީހަށެވެ.

މަޖިލީހުން އެމީހުންގެ ޒިންމާ އަދާކޮށް މިނިވަން މުއައްސަސާތަކުން ކަންކަން ރަނގަޅަށް ކުރޭތޯ ބަލާ އެމީހުންގެ މައްޗަށް ފާރަވެރިވެ ނިޒާމު ރަނގަޅަށް ހިނގުމުގެ ފުރުސަތުދީ އެކަން ކަށަވަރު ކުރާނަމަ ނިޒާމު ގޯސްވެގެން އުޅޭކަށް ނުޖެހޭނެއެވެ. އެހެންކަމުން ވައްކަމާއި ކޮރަޕްޝަން އިތުރުވުމަކީ ނިޒާމުގެ މައްސަލައެއްކަމަށް ބުނެވޭނެ ހަމަ އެއްވެސް ގޮތެއް އޮތްކަމަކަށް ނުފެނެއެވެ.

ދެން އޮތީ ސަރުކާރުގެ މަތިބަރުވެ ކޯލިޝަނެއް ހަދަންޖެހޭތީ ރިޔާސީ ނިޒާމު ގޯސްވެގެން އެވާހަކަ ދައްކާ ފަރާތްތަކެވެ. އެކަމަކީވެސް ނިޒާމު ބަދަލުނުކޮށް ހައްލުކުރެވެން އޮތް ކަމެކެވެ. ވޯޓުލުމުގައި މިހާރު އެކަކަށް ވޯޓު ލުމަށް މިގެންގުޅޭ އުސޫލުގެ ބަދަލުގައި އެންމެ ކަމުދާ ކެނޑިޑޭޓުންގެ ތަރުތީބުން ގިންތި ކުރާގޮތަށް ވޯޓުގެ އުސޫލު ބަދަލުކުރުމުން ދެވަނަ ބުރަކަށް ގޮސް ކޯލިޝަނެއް ހަދަންޖެހޭތީ އަންނަ ގޯސް ނުނިކުމެ އެއްބުރުން އިންތިހާބުތައްވެސް ނިމުނީއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ ވަކި ބޭފުޅަކު ވަކި މަގާމެއް ބޭނުންފުޅުވާތީ, ބަދަލުކުރަން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާގޮތަށް އޮންނަ ކަމަކަށް ވެގެންނުވާނެއެވެ.

ރައްޔިތުން މިހާރުވެސް އޭރުވެސް ކުރަނީ ނިޒާމުގެ ޝަކުވާއެއްނޫނެވެ. ރައްޔިތުން ކުރަނީ އިންސާފު ނުލިބޭ ކަމުގެ ޝަކުވާއެވެ. ރައްޔިތުން ދައްކަނީ ކޮރަޕްޝަނާއި ވައްކަން އިތުރުވާ ވާހަކައެވެ. ރައްޔިތުން ދައްކަނީ އެ މީހުންގެ އަތާއި އަނގައާ ދިމާނުވެގެން އުޅެން ޖެހޭ ވާހަކައެވެ. އެކަންކަމުގެ ހައްލެއްގެ ގޮތުން ރައްޔިތުން ހުށަހަޅަނީ ނިޒާމު ބަދަލު ކުރުމެއް ނޫނެވެ. ރައްޔިތުން އެދެނީ އިދާރާތަކާއި މުއައްސަސާތަކާއި މަގާމުތަކަށް އައްޔަނު ކުރާ ފަރާތްތަކުން އިހުލާސްތެރި މަސައްކަތެއް ކުރުމަށެވެ. ސިޔާސީ ފަރާތްތަކުން ވެސް އިހުލާސްތެރި ކަމާއި އެކު ރައްޔިތުންނަށް ހެވެއް އެދިގެން ރައްޔިތުންގެ މުހުތާދުތައް ފުއްދުމަށް މަސައްކަތްކުރުމެވެ.