Last Updated: April 26, 06:01
Friday, April 26, 2024
ޚަބަރު

އިންޑިއާ އިން އަންނަ ދިވެހިން ކަރަންޓީނު ކުރަން ނިންމައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުތެރެ --

އިންޑިއާ އިން ރާއްޖެ އަށް އަންނަ ދިވެހިންނާއި އަދި އެގައުމުން ވޯކް ވިސާގައި އަންނަ މީހުން 10 ދުވަހަށް ގޭގައި ކަރަންޓީން ކުރަން ނިންމައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އިއްޔެ ފެށިގެން އިންޑިއާ އިން ރާއްޖެ އަންނަ ދިވެހިންނާއި އަދި އެގައުމުން ވޯކް ވިސާގައި އަންނަ ފަރާތްތައް ގޭގައި ކަރަންޓީނު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިން ޖަހާފައިވީ ނަމަވެސް އެ ފަރާތްތަކުން ކަރަންޓީނުގައި ތިބެންޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން މިފަދަ ނިންމުމެއް ނިންމިއިރު، ކޮވިޑްގެ ހާލަތު އިންޑިއާގައި ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން ވަނީ 300،000 އަށް ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

މިއީ އެއް ދުވަހެއްގެ ތެރޭ ކޮވިޑަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ފަހަރެވެ. މީގެ ކުރިން އެއްދުވަހެއްްގެ ތެރޭ އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވީ އެމެރިކާއިންނެވެ. އެމެރިކާއިން އެއް ދުވަހެއްގެ ތެރޭ އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ 297,430 މީހުންނެވެ.

އިންޑިއާއިން ފާއިތުވި 24 ގަޑިިއިރު ތެރޭ 2014 މީހަކު ވަނީ ކޮވިޑުގައި މަރުވެފައެވެ. މިއީވެސް ރިކޯޑު އަދަދެކެވެ.

އިންޑިއާގައި ހަލުވި ކަމާއި އެކު ކޮވިޑު ފެތުރެމުން އަންނަ އިރު ހޮސްޕިޓަލްތައް ވަނީ ފުރި ބާރުވެ، އެޑްމިޓު ކުރެވޭނެ ހާލަތެއް ނެތެވެ. ބައެއް މީހުން ވަނީ ފަރުވާ ނުދެވި މަރުވެފައެވެ. ބޮޑެތި ހޮސްޕިޓަލްތަކުގައި އޮކްސިޖަން ލިބުން ދަތިވެ ބައެއް މީހުންގެ ފުރާނައަށް ވަނީ ގެއްލުން ވެފައެވެ.