Last Updated: July 10, 06:03
Thursday, July 10, 2025
ކުޅިވަރު

އާސެނަލް ގަންނަން ސްޕޮޓިފައިގެ ވެރިޔާ ޝައުގުވެރިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބު އާސެނަލް ގަތުމުގެ ޝައުގުވެރިކަން މަޝްހޫރު މިއުޒިކް ސްޓްރީމިންގް ޕްލެޓްފޯމް، ސްޕޮޓިފައިގެ ވެރިޔާ ޑެނިއަލް އެކް ފާޅުކޮށްފިއެވެ.

ސްވިޑެންގެ ބިލިއަނަރު މިކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިމިވަނީ އާސެނަލްގެ މިހާރުގެ އޯނަރު ކަމަށްވާ ސްޓޭން ކްރޮއެންކޭ އާއި ދެކޮޅަށް އެ ކްލަބުގެ ސަޕޯޓަރުން އިއްޔެ ބޮޑު މުޒާހަރާއެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ސަޕޯޓަރުން ވަނީ އާސެނަލް ދޫކޮށް ދިޔުމަށް ކްރޮއެންކޭ އަށް ގޮވާލާފައެވެ.

އެ މުޒާހަރާއާ ގުޅުވައި ސްޕޮޓިފައިގެ ވެރިޔާ އެކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އަކީ ކުޑައިރުއްސުރެން ފެށިގެން ވެސް އާސެނަލްގެ ސަޕޯޓަރެއް ކަމަށާއި އާސެނަލް މިހާރު ހިންގާ ކްރޮއެންކޭ ސްޕޯޓްސް އެންޑް އެންޓެޓައިންމެންޓް ކުންފުނިން އެ ކްލަބު ވިއްކާލާނަމަ އެ ކްލަބު ގަތުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށެވެ.

ފޯބްސް މައްޖަލާ އިން ހާމަކޮށްފައިވާ ގޮތުގައި އެކްގެ މިލިކިއްޔާތުގައި 3.38 ބިލިއަން އެބަހުއްޓެވެ. އަދި 2017 ވަނަ އަހަރު އެމެރިކާގެ ބިލްބޯޑް މަޖައްލާއިން ވަނީ މިއުޒިކްގެ ދާއިރާގައި އެންމެ ނުފޫޒުގަދަ ފަރާތުގެ ގޮތުގައި އެކް ފާހަގަކޮށްފައެވެ.

އާސެނަލް ގަތުމުގެ ޝައުގުވެރިކަން އެކް ފާޅުކޮށްފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު އާސެނަލްގެ ސަޕޯޓަރުންނާއެކު ބޭއްވި ފޯރަމެއްގައި ކްރޮއެންކޭގެ ދަރިފުޅު ޖޯޝް ވަނީ އާސެނަލް ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަން ހާމަކޮށްފައެވެ.

ޔޫއެފާއާ ދެކޮޅަށް ދާދިފަހުން އުފެއްދި ޔޫރަޕިއަން ސުޕަ ލީގުގައި އާސެނަލް ބައިވެރިވުމުން ކްރޮއެންކޭ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު އެ ލީގު އުފެއްދުމުގައި ވެސް އިސް ދައުރެއް އޭނާ އަދާކޮށްފައިވެއެވެ. ނަމަވެސް ސްޕޮންސަރުންނާއި ސަޕޯޓަރުންގެ ޕްރެޝަރާއި ހެދި އާސެނަލް ފަހުން ވަނީ އެ ލީގުން ވަކިވެފައެވެ.