ވެސްޓްހަމް ޔުނައިޓެޑްގެ މައްޗަށް 1-0 އިން ކުރި ހޯދައި، އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ޗެލްސީން ހަމަޖެހިލައިފިއެވެ.
މި މޮޅާއެކު ޗެލްސީ ލީގުގެ ހަތަރުވަނައިގައި މިހާރު އޮތީ 58 ޕޮއިންޓާ އެކުއެވެ. ގަދަ ހަތަރަކަށް ޗެލްސީއާ އެންމެ ގާތުން ވާދަކުރާ ވެސްޓްހަމް 55 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައި އޮތްއިރު ލިވަޕޫލް އޮތީ 54 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގައެވެ. ގަދަ ހަތަރެއްގައި ނިންމާ ޓީމުތަކަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ލިބޭނެއެވެ.
ވެސްޓްހަމްގެ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 43 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޓިމޯ ވާނާއެވެ. މިއީ މިދިޔަ ފެބްރުއަރީ އަށްފަހު ލީގުގައި ވާނާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.
މެޗުގެ ދެވަނަ ހާފްގައި ޗެލްސީގެ ލީޑު ފުޅާކޮށްލަން ވާނާ ހުސް ފުރުސަތެއް ލިބި ބޭކާރުވިއިރު، މެޗުގެ ފަހު ވަގުތުކޮޅުތެރޭ ޓެމީ އަބްރަހަމް އަށް ވެސް ވަނީ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ދެވަނަ ހާފްގައި ވެސްޓްހަމް އިން ޗެލްސީގެ ފަހަތަށް ބާރުބޮޑުކުރި ނަމަވެސް މާބޮޑު ނުރައްކަލެއް އެޓީމުގެ ގޯލަށް ކުރެވިފައެއް ނުވެއެވެ.
އަދި މެޗުގެ 81 ވަނަ މިނެޓްގައި ޗެލްސީގެ ޑިފެންޑަރު ޗިލްޗެލް އަށް ކުރި ފައުލަކާ ގުޅިގެން ވެސްޓްހަމްގެ ފަބިއަން ބަލްބުއެނާ އަށް ދެއްކި ރަތްކާޑާއެކު އެޓީމު މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ.
ލީގުގައި ޗެލްސީ ދެން ބައްދަލުކުރާނީ ފުލަމްއާއެވެ. އަދި ވެސްޓްހަމް ނިކުންނާނީ ބާންލީއާ ދެކޮޅަށެވެ.