Last Updated: May 9, 10:20
Thursday, May 9, 2024
ޚަބަރު

މާލޭ މަގުމައްޗަށް ވެހިކަލް އިތުރުވާ ގޮތަށް ނުހަދަން ގޮވާލައިފި

ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: އަވަސް

މާލެގެ ރައްޔިތުންގެ މަޝްވަރާ ނުހޯދައި މަގުތަކަށް ވެހިކަލް އިތުރުވާ ނުހެދުމަށް މާލޭ ސިޓީގެ އިންތިހާބީ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ގޮވާލައިފިއެވެ.

މުއިއްޒު މިކަމަށް ގޮވަލާފައިމިވަނީ ގަރާޖު ސިޓީއާ ނުލާ ވެހިކަލްތައް ރަޖިސްޓްރީ ކުރެވޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ ނުލައި އެއްވެސް ހިފެހެއްޓުމެއް ނެތި ވެހިކަލްތައް އިތުރުވާ ގޮތަށް އެއްވެސް ގާނޫނެއް ނުވަތަ ގަވައިދެއް އިސްލާހު ނުކުރަން މާލެ ރައްޔިތުންގެ ހައްގުގައި ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ކޮމިޓީން ގެނެސްފައިވާ އިސްލާހުގައި ވަނީ، އެއްގަމު އުޅަނދުފަހަރު ރަޖިސްޓްރީކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ އަމިއްލަ ފަރާތެއްގެ އެނޫޏްވެސް ތަނެއްގައި ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމުވެގެންނުވާކަމަށެވެ.

އަދި އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު، ގަރާޖެއްގައި އެ އުޅަނޑު ބާއްވާނެކަމުގެ ލިޔުން ހުށަހެޅުންވެސް ލާޒިމު ނޫންކަމަށް އިސްލާހުގައިވެއެވެ.

ކޮމިޓީން މިގޮތަށް މިއިސްލާހު ގެނެސްފައިވަނީ ބައެއް ފަރާތްތަކުން ބޮޑު އަގުގައި ގަރާޖު ލިޔުން ވިއްކަމުން ގެންދާ މައްސަލައަށް ހައްލެއް ގެންނަންޖެހޭކަމަށާއި، އެކަމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ގެނައުން މުހިންމު ކަމަށް ކޮމިޓީއަށް ގަބޫލުކުރެވުމުންނެވެ.