Last Updated: May 6, 23:07
Thursday, May 6, 2021
ކުޅިވަރު

ފުރަތަމަ ލެގުގައި ރެއާލް އާއި ޗެލްސީ އެއްވަރު

ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ރެއާލް މެޑްރިޑާއި ޗެލްސީ ބައްދަލުކުރި މެޗު 1-1 އިން ނިމިއްޖެއެވެ.

މި ނަތީޖާއާއެކު އަންނަ ހަފްތާގައި މި ދެ ޓީމު ބައްދަލުކުރާ މެޗު ލަނޑެއް ނުޖެހި އެއްވަރުކޮށްލައިގެން ވެސް ޗެލްސީ އަށް ފައިނަލަށް ދަތުރުކުރެވޭނެއެވެ. ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ރެއެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅު ޗެލްސީން ރަނގަޅަށް ކުޅުނުއިރު، މެޗުގެ ހަތަރުވަނަ މިނެޓްގައި ޓިމޯ ވާނާ އަށް ވަނީ އެޓީމަށް ލީޑު ނަގައިދޭން ހުސް ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ވަނީ ފައިން މަތަކޮށްފައެވެ.

އެ ފުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 14 ވަނަ މިނެޓްގައި ކްރިސްޓިއަން ޕުލިސިޗް ވަނީ ޗެލްސީ އަށް ލީޑު ނަގާދީފައެވެ. ޕުލިސިޗް މި ގޯލު ކާމިޔާބުކުރީ ރެއާލްގެ ކީޕަރު ކައިރިން ވެސް ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.

ނަމަވެސް މެޗުގެ 29 ވަނަ މިނެޓްގައި ޗެލްސީގެ ޕެނަލްޓީއޭރިއާ ތެރެއިން ލިބުނު ބޯޅައެއް މޭމަތިން ކޮންޓްރޯލް ކުރުމަށްފަހު ފޮނުވާލި ބާރު ހަމަލާއަކުން ކަރީމް ބެންޒެމާ ވަނީ ރެއާލް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ވެސް ދެ ޓީމުން ކުރެ ޓީމަކަށް ތަނަވަސްކުރެވިފައެއް ނުވެއެވެ. ރެއާލް އިން ވަނީ ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ދުވަސްތަކަކަށް ކުޅުމާއި ދުރުގައި ހުރި ޗެލްސީގެ ކުރީގެ ތަރި އެޑެން ހަޒާޑް ވެސް ދެވަނަ ހާފްގައި ކުޅެން އަރުވާފައެވެ.

މުބާރާތުގެ ދެވަނަ ސެމީފައިނަލްގައި މިރޭ ބައްދަލުކުރާނީ ޕީއެސްޖީ އާއި މެންޗެސްޓަރ ސިޓީއެވެ.