Last Updated: April 24, 23:11
Wednesday, April 24, 2024
ރިޕޯޓް

ކޮވިޑް ފެތުރުން އިތުރުވަނީ، އެޗްޕީއޭ ހިމޭނުން!

ކޮވިޑަށް މީހަކު ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ -- ފޮޓޯ: ސަން

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރިކޯޑު އަދަދަކަށް އަރައިގެންދާއިރު ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ހިމޭންވެފައި ތިބޭތީ އާންމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ފެންނަ ކޮވިޑް ކޭސްތައް 300 އަށް އެރިއިރު، އިއްޔެ ވަނީ އެ އަދަދު 400 އިން މައްޗަށް އަރާފައެވެ. އިއްޔެ އަކީ މި ބައްޔަށް ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ. އަދި އިއްޔެ އެކަނި މި ބަލީގައި މި ދެ މީހަކު ވަނީ ދުނިޔެ ދޫކޮށްފައެވެ.

ކޮވިޑް ކޭސްތައް ރިކޯޑު އަދަދަކަށް ފެންނަމުންދާތާ ތިން ދުވަސްވީއިރު ވެސް ކޭސްތަކުގެ އަދަދު މަތިވެގެން އުޅޭ ސީދާ ސަބަބެއް އެޗްޕީއޭ އިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އޭގެ އިތުރަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅި މަންޒަރެއް ވެސް ނުފެނެއެވެ. އާންމުންގެ ހިތުގައި އެތައް ސުވާލެއް ވަނީ އުފެދިގެން ގޮސްފައެވެ.

މިފަދަ ނާޒުކު ވަގުތެއްގައި އެޗްޕީއޭ ހިމޭންވެފައި އޮތުމުން އާންމުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުންތައް އޮއްސާލަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން އަންނަނީ އެޗްޕީއޭ އިން މިކަމުން އަތް ވީއްލުމަށްފަހު އާންމުންގެ އަތް މައްޗަށް މިކަން ދޫކޮށްލީތޯ ސުވާލުކުރަމުންނެވެ. އަދި އަވައްޓެރި ޤައުމުތަކުގެ ހާލަތު ވަރަށް ގާތުން އެބަ ފެންނަ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅު ވަގުތު ފާއިތުވުމުގެ ކުރިން އެޅުމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

"މިހާރު އިންތިހާބުތައް ނިމިއްޖެނުން. ހިނބާލަ މި ޕެންޑަމިކް ކޮންޓްރޯލް ކުރަން ފިޔަވަޅުތަކެއް އަޅަން" އާންމު ފަރާތަކުން ބުންޏެވެ.

ރާއްޖޭގައި އުޅެނީ ކޮވިޑްގެ އާ ވޭރިއަންޓެއްތޯ އާއި ކޭސްތައް މަތިވެގެން އުޅެނީ ކައުންސިލް އިންތިހާބާއި ދިމާކޮށް ދިން ލުއިތަކުގެ ސަބަބުންތޯ ވެސް އާންމުން އަންނަނީ ކަމާބެހޭ ފަރާތްތައް ޓެގްކޮށް ސުވާލުކުރަމުންނެވެ.

އިއްޔެގެ އަދަދުތަކާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ މިހާރު ވަނީ 29،000 އަށް ވުރެ މައްޗަށް އަރާފައެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު 4396 އަށް އަރާފައިވާއިރު، 122 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ބަލީގައި 73 މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ.