Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

މަޖިލީހުގެ ލަފައަށް ސަރުކާރުން އިޖާބަދޭ މިންވަރު ކުޑަ: ރައީސް ނަޝީދު

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުން އަރުވާ އެކިއެކި ލަފާތަކަށް ސަރުކާރުން އިޖާބަދޭ މިންވަރު ކުޑަކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ޑްރަގް އެޖެންސިގެ ގާނޫނީ ޒިންމާ އަދާކުރަމުން ނުދާކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ މައްސަލައިގައި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރިއަށްދިޔަ ވަގުތު ރައީސް ނަޝީދު ވިދާޅުވީ، މި މައްސަލައިގައި އެކަނިވެސް ހިއުމަން ރައިޓްސް ކޮމިޓީން ސަރުކާރަށް 33 ހުށަހެޅުން ހުށަހަޅާފައިވާކަމަށެވެ.

މަޖިލީހުން ނެރޭ ކޮންމެ ރިޕޯޓެއްގައި ސަރުކާރަށް ލަފާ އަރުވާ ހުށަހެޅުންތައް ހުށަހަޅަނީ، މެމްބަރުން ތަންތަނަށް ޒިޔާރަތްކޮށް ހާލަތު ބަލާ ދިރާސާކޮށް ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު އަދި ފަންނީ ލަފާވެސް ހޯދުމަށްފަހު ކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ފެންނަނީ ސަރުކާރުން މަޖިލީހުގެ ލަފާތަކަށް އިޖާބަ ނުދޭ މަންޒަރު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަނީ ސަރުކާރަށް ދެވޭ ލަފާތަކަށް އިޖާބަ ދެއްވާކަން ވަރަށް ކުޑަކަމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ޑްރަގް އެޖެންސީގެ މައްސަލައިގައި 33 ހުށަހެޅުން މަޖިލީހުން ސަރުކާރަށް ހުށަހަޅާކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ ކުޑަ މައްސަލައެއް ނޫންކަމަށެވެ. އަދި މަޖިލީހުން އަރުވާ ލަފައަކީ އަގުހުރި މަސައްކަތްތަކެއްކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.