Last Updated: March 29, 18:55
Friday, March 29, 2024
ވިޔަފާރި

ބީއެމްއެލްއަށް 357 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސާފު ފައިދާގެ ގޮތުގައި 357 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން އާއްމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރާއި އަޅާ ބަލާއިރު، ޓެކްސް އަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 23 ޕަސެންޓު އިތުރުވެފަ އެވެ.

ބީއެމްއެލް އިން ބުނީ މި ނަތީޖާ ބޭންކަށް ހާސިލްކުރެވިފައިވަނީ މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ބޭންކުގެ މައިގަނޑު ވިޔަފާރިތަކަށް ކޮށްފައިވާ ނޭދެވޭ އަސަރާ ގުޅިގެން ލިބުނު ގެއްލުމުން އަރައިގަތުމުގައި ރަނގަޅު ކުރިއެރުމެއް ލިބިފައިވާތީ ކަމަށެވެ.

މި ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް 537 މިލިއަން ލިބިފައިވާއިރު މިއީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އާ އަޅާބަލާއިރު %25 އިތުރު އަދަދެކެވެ. މި ނަތީޖާ ހާސިލް ކުރެވިފައިވަނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާ ގުޅިގެން ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި ނަތީޖާ އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ވިޔަފާރީގެ މައިގަނޑު ދާއިރާ ތަކުން ލިބުނު ނަތީޖާއާ އެކު ކޮވިޑް -19 އާ ގުޅިގެން ލިބުނު ގެއްލުމުން އަރައިގަތުމުގައި ހާލަތު ރަނގަޅު ވަމުންދާކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށެވެ.

"މި ނަތީޖާ އާ އެކުވެސް މިހާރުގެ ހާލަތުން އަރައިގަތުމަށް އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް އަޅުގަނޑުމެން މަސައްކަތްތައް ބައްޓަންކުރާނީ ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކު. ކަސްޓަމަރުންނާއި މުޖުތަމައަށް އެހީވުމަށް ކުރާ އިންވެސްޓްމަންޓާއި ބޭންކުގެ ވިގުއަ ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން އައު ޕްރޮޑަކްޓާއި ހިދުމަތްތައް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުން ދާނަން." ސޯޔަރ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 71 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 132 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބޭންކުން ބުނެއެވެ.