Last Updated: July 1, 23:03
Wednesday, July 2, 2025
ކުޅިވަރު

އެއްވަނަ އަށް އަރަން ލިބުނު ފުރުސަތު ބާސާއިން ނަގާލައިފި

ގްރަނާޑާ އަތުން 2-1 އިން ބަލިވެ ސްޕެނިޝް ލީގުގެ އެއްވަނަ އަށް އަރަން ލިބުނު ފުރުސަތު ބާސެލޯނާ އިން ނަގާލައިފިއެވެ.

މި ނަތީޖާއާއެކު ބާސާ މިހާރު އޮތީ 71 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު އެޓީމު ކުރީގައި އޮތީ ހެޑް ޓު ހެޑުން ކުރި ހޯދައިގެންނެވެ. އެއްވަނައިގައި 73 ޕޮއިންޓާއެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ.

ސްޕެނިޝް ލީގުގައި ދެން ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ ފަސް މެޗެވެ.

ބާސާގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ 23 ވަނަ މިނެޓްގައި ލިއޮނަލް މެސީ ވަނީ ބާސާ އަށް ލީޑު ނަގާދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން މެސީ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އެ ހަމަލާ ގްރަނާޑާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ބާސާ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 63 ވަނަ މިނެޓްގައި ޑާވިން މާޗިސް ވަނީ ގްރަނާޑާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ 79 ވަނަ މިނެޓްގައި ޖޯޖް މޮލީނާ ވަނީ ގްރަނާޑާ މެޗުން މޮޅުވި ގޯލު ކާމިޔާބުކޮށްދީފައެވެ.

މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ރެފްރީއާ ދިމާލަށް ބުނި އެއްޗެއްގެ ސަބަބުން ބާސާގެ ކޯޗު ރޮނަލްޑް ކޫމަން އަށް ވަނީ ރަތްކާޑު ދައްކާފައެވެ.

ލީގުގައި ބާސާ ދެން ބައްދަލުކުރާނީ ވެލެންސިޔާއާ އެވެ.