Last Updated: July 12, 09:33
Saturday, July 12, 2025
ޚަބަރު

އިގްތިސާދީ ކާރިސާއިން ސަލާމަތްވާން ޔާމީންގެ އެހީއަށް އެދެންޖެހޭ

ޝުޖާޢު ރައީސް ޔާމީނާއެކު

ގައުމަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއިން ސަލާމަތްވާން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީއަށް އެދެންޖެހޭ ކަމަށް ހުޅުމާލެ ދާއިރާގެ އިންތިހާބީ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤައުމަށް ދިމާވެފައިވާ އިޤްތިޞާދީ ކާރިސާއިން ސަލާމަތް ވުމަށް ރައީސް ޔާމީންގެ ސިކުނޑީގެ އެހީތެރިކަމަށް އެދެން ޖެހޭ ކަމަށެވެ

"ކުޑައިރު މަންމަ ބުނޭ ދަރިފުޅާއޭ ނޭގެންޏާ ބޭބެ ކައިރީ އަހައިގެން ފިލާވަޅު ހަދާށޭ" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު މިކަމަށް ގޮވާލިއިރު މާފުށީ ޖަލުގައި ކޮވިޑް-19 ފެތުރޭތީ ޔާމީން ރޭގެ ވަގުތެއްގައި ވަނީ ގެއަށް ބަދަލުކޮށްފައެވެ. ޔާމީން ގޭ ބަންދަށް ބަދަލުކުރީ ކިހާ މުއްދަތަކަށް ކަމެއް ކަރެކްޝަންސް އިން ހާމައެއް ނުކުރެއެވެ.

ޔާމީން ގޭ ބަންދަށް ބަދަލުކޮށްފައިމިވަނީ އެމަނިކުފާނު ގެޔަށް ބަދަލުކޮށްދިނުމަށް އެދި އާއިލާ އަދި އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގަންނަވާފައިވާ ދަނޑިވަޅެއްގައެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ މައްޗަށް މިހާރު ވެސް އަންނަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ މައްސަލައެއްގައި ދައުވާ ކުރަމުންނެވެ. އެގޮތަށް ފުށްގިރި މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ދައުވާ ރައިސް ޔާމީންގެ މައްޗަށް އުފުލާފައިވެއެވެ.