Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު

އިންޑިއާގެ ކުރީގެ އެޓާނީ ޖެނެރަލްކަން ކޮށްފައިވާ ސޯލީ ސޯރަބްޖީ ކޮވިޑް ޖެހިގެން މަރުވެއްޖެ

އިންޑިއާގެ ކުރީގެ އެޓާނީ ޖެނެރަލްކަން ކޮށްފައިވާ ސޯލީ ސޯރަބްޖީ (91 އަހަރު) ކޮވިޑް ޖެހިގެން މަރުވެއްޖެއެވެ.

އިންޑިއާގެ ޤާނޫނީ ދާއިރާގައި 70 ވަރަކަށް އަހަރު ހޭދަކޮށްފައިވާ ސޯލީ މަރުވެފައިވަނީ މިއަދު ހެނދުނު އިންޑިއާގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސޯލީ ވަނީ އިންޑިއާގެ އެޓާނީ ޖެނެރަލްކަން ދެ ފަހަރެއްގެ މަތިން ކޮށްފައެވެ. އެންމެ ފުރަތަމަ އޭނާ އެ މަޤާމް ފުރާފައިވަނީ 1989ން 1990 އަށެވެ. އެއަށްފަހު 1998ން 2004ށް ވެސް އޭނާ ވަނީ އެޓާނީ ޖެނެރަލްކަން ކޮށްފައެވެ.

ސޯލީ އޭނާގެ މަސައްކަތް ފައްޓަވާފައިވަނީ 1953ގައި ބޮމްބޭ ހައިކޯޓްގައެވެ. 1971 ވަނަ އަހަރު އޭނާއަށް ވަނީ ސީނިއަރ އެޑްވޮކޭޓްގެ މަޤާމް ލިބިފައެވެ. 2002 ވަނަ އަހަރުގެ އޭނާގެ ޚިދުމަތްތައް ފާހަގަކޮށް އޭނާއަށް ވަނީ ޕަދްމާ ވިބޫޝަން އެވޯޑް ލިބިފައެވެ. އެއީ ދެވަަނައަށް އިންޑިއާގައި ދެވޭ އެންމެ ޤަދަރުވެރި އެވޯޑެވެ.

ސޯލީ ސޯރަބްޖީ މަރުވިއިރު ދުނިޔޭގައި އޭނާގެ އަތްބަކާއި 3 ދަރިން އެބަތިއްބެވެ.