Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

އޮކްސިޖަން ފޯރުކޮށްދިނުމުގައި އިންޑިއާ ސަރުކާރުން ތަފާތު ކުރުން ގެންގުޅޭކަމުގެ ތުހުމަތު

އިންޑިއާގެ އެކި ސްޓޭޓްތަކަށް އޮކްސިޖަން ފޯރުކޮށްދިނުމުގައި ތަފާތު ކުރުން ގެންގުޅޭކަމަށް ނިއު ދިއްލީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުން ތުހުމަތު ކޮށްފިއެވެ.

ނިއު ދިއްލީގެ ކޮވިޑްގެ ހާލަތުގެ އެންމެފަހުގެ މައުލޫމާތުތައް ދިއްލީގެ ހައި ކޯޓަށް ހުށަހެޅުމަށްފަހު ކަމާއިބެހޭ ފަރާތްތަކުން ވަނީ އިންޑިއާގެ ސަރުކާރުން ދިއްލީއަށް ފޮނުވާފައިވަނީ އެކަށީގެންވާ ވަރަށް ވުރެ މަދު އޮކްސިޖަން ސިލިންޑަރުތަކެއް ކަމަށެވެ. އެ ގޮތުން އޮކްސިޖަން އެވަރަށް މިވަގުތު ބޭނުންވެފައިނުވާ ބައެއް ފަރާތްތަކަށް މާ ގިނައިން ދީފައިވާ ކަމަށް ވެސް ބުނެ ދިއްލީގެ ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިންޑިއާގެ ކޯޓުތަކުން ވެސް ވަނީ ދިއްލީއަށް އެތެރެކުރާ ސަޕްލައިތައް މަދު ކަމަށް ފާހަކަކޮށް އެކަން ކުށްވެރިކޮށްފައެވެ. އިންޑިއާގެ ނިއު ދިއްލީއަކީ މިވަގުތު ކޮވިޑްގެ ހާލަތު އެންމެ ދަށަށް ގޮސްފައިވާ ސްޓޭޓެވެ. ދުވާލެއްގެ މައްޗަށް 3 ލައްކައަށް ވުރެގިނަ މީހުން ދަނީ ފައްސި ވަމުންނެވެ. އަދި 3000ށް ވުރެ ގިނަ މީހުން ދުވާލެއްގެ މައްޗަށް ދަނީ މަރުވަމުންނެވެ.

މަރުވާ މީހުން އިތުރު ވުމުގެ ސަބަބުން މީހުންގެ ހަށިތައް އެނދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަށް ވަނީ ނުކަތާވަރު ވެފައެވެ. އަދި އެންދުމަށް ބޭނުންކުރާ ލަކުޑި ހުސްވަމުންދާ ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

އިންޑިއާގެ ހާލަތު ދަށަށް ގޮސްފައިވާ މި ދަނޑިވަޅުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ އެހީގެ ތަކެތި ފޯރުކޮށްދޭން ފަށާފައެވެ.