Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

އިންޑިއާގެ ކޮވިޑް ހާލަތު ގޯސްވީ ސަރުކާރުގެ ދޯހަޅިކަމުން: ސިއްދާތު

އިންޑިއާގެ ކޮވިޑް ހާލަތު ގޯސްވެ ގިނަ ބަޔަކު ދުނިޔެ ދޫކުރަން ޖެހުނީ ސަރުކާރުގެ ދޯހަޅިކަމުން ކަމަށް "ބިގްބޮސް 13" ކާމިޔާބު ކުރި މަޝްހޫރު ބަތަލު ސިއްދާތު ޝުކްލާ ބުނެފިއެވެ.

ކޮވިޑްގެ ދެވަނަ ރާޅު އިންޑިއާއަށް އެރިއިރު އިންޑިއާގެ ސަރުކާރުން އުޅުނީ ހޭބޯނާރާ އިންތިހާބާއި، ރޯޑް ޝޯވތައް އަދި ރެލީތައް ބޭއްވުމަށް ކަމަށާއި ޤައުމަށް ދިމާވެދާނެ ނުރައްކަލަކަށް ނުބަލާ ކަމަށް ސިއްދާތް ވަނީ ބުނެފައެވެ. ޑޮކްޓަރުންނާއި ސިއްޙީ މާހިރުން ކެނޑިނޭޅި ވައިރަސް ފެތުރެމުންދަނީ މީހުން ގިނައިން އެއްވާ ތަންތަނުގައި ކަމަށް ބުނަމުން ދިޔައިރު ވެސް އެ އަޑު ސަރުކާރުން އަހާފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާގެ ހެލްތް މިނިސްޓަރު ވަނީ އިންޑިއާގައި މަރުވާ މީހުންގެ އަދަދު ދަށް ކަމަށް ބުނެފައެވެ. އެއަށް އިޝާރާތްކޮށް ސިއްދާތު ބުނެފައިވަނީ ބައެއް މީހުން އަދިވެސް ބަލަނީ ހިސާބު އަކުރު ތަކަކަށް ކަމަށާއި މީހުންގެ ގާތް ލޯބިވާ އެތައް ބަޔަކު ދުނިޔެ ދޫކޮށް ދާއިރު އެ އާއިލާތަކުން ތަހައްމަލު ކުރާނެ ވޭން އިހުސާސް ނުކުރާ ކަމަށެވެ. އެ މީހުންގެ ހިތްދަތިކަން ނުފެންނަ ކަމަށެވެ.

އިންޑިއާގެ ޙާލަތު ދުވަހެއް ދުވަހަކަށް ދަނީ ދަށަށެވެ. ކޮންމެ ދުވަހަކު 3 ލައްކައިން މީހުން ދަނީ ކޮވިޑަށް ފައްސިވަމުންނެވެ. އޮކްސިޖަން ނުލިބި މީހުން މަގުމަތީގައި މަރަށް ތެޅޭ މަންޒަރަކީ ބަލާ މީހުން ހިތްފަޅައިގެންދާވަރު މަންޒަރު ތަކެކެވެ.