Last Updated: March 29, 10:16
Friday, March 29, 2024
ޚަބަރު

އާރަށުގެ މައްސަލައިގައި ޔާމީން އަށް ދައުވާކުރަން ފޮނުވައިފި

ވ. އަތޮޅު އާރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކާ އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި، އެމަނިކުފާނުގެ މައްޗަށް ރިޝްވަތު ނެގުމާއި މަނީ ލޯންޑަރިންގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެ މައްސަލައިގެ ތަހުގީގު ކުރިޔަށް ގެންދިޔުމަށްފަހު ތަހުގީގު ނިންމައި މައްސަލައިގެ ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި އާރަށް ތަރައްގީކުރަން ހަވާލުކުރީ ޓޫޖީ މޯލްޑިވްސް ކިޔާ ކުންފުންޏަކާ ނަމަވެސް ފަހުން އެ ރަށް ވަނީ ބޭރުގެ ކުންފުންޏަކަށް ވިއްކާލާފައެވެ. މިކަމުގައި ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވެނީ އެ ރަށް ވިއްކާލައިގެން، އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރި ކަމަށެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، 28 ނޮވެމްބަރު 2019 ގަ އެވެ. އެ މައްސަލައިގައި ފަސް މިލިއަން ޑޮލަރުން އެ މަނިކުފާނު ވަނީ ޖޫރިމަނާ ކުރެވިފައެވެ.

ވޮޑަމުލާގެ މައްސަލައިގައި ރައީސް ޔާމީނަށް ފަސް އަހަރުގެ ހުކުމެއް އިއްވާފައިވާއިރު، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާވެސް އެމަނިކުފާނުގެ މައްޗަށް ވަނީ އުފުލައިފަ އެވެ.

މާފުށީ ޖަލުގައި ކޮވިޑް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޔާމީން ރޭ ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ. ޔާމީން ގޭ ބަންދަށް ބަދަލުކޮށްފައިމިވަނީ އެމަނިކުފާނު ގެޔަށް ބަދަލުކޮށްދިނުމަށް އެދި އާއިލާ އަދި އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގަންނަވާފައިވާ ދަނޑިވަޅެއްގައެވެ.