Last Updated: May 7, 00:06
Thursday, May 6, 2021
ޚަބަރު

އުއްމީދަކީ ޔާމީން އަނބުރާ ޖަލަށް ނުގެންދެވުން: ޝަހީމް

އުއްމީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަނބުރާ ޖަލަށް ނުގެންދެވުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުގައި ކޮވިޑް ފެތުރޭތީ ޔާމީން ރޭ ގެއަށް ބަދަލުކޮށްފައިވާއިރު، އެމަނިކުފާނު ގެއަށް ބަދަލުކުރީ ކިހާ މުއްދަތަކަށް ކަމެއް ކަރެކްޝަންސް އިން ހާމަކޮށްފައެއް ނުވެއެވެ.

ޔާމީން ގެއަށް ބަދަލުކުރުމާ ގުޅިގެން ޝަހީމް ވިދާޅުވީ އެއީ އުފާވެރިކަން ހުރި ކަމެއް ކަމަށާއި ސަރުކާރުގެ ނިންމެވުމަށް މަރުޙަބާ ދަންނަވާ ކަމަށެވެ. އަދި އުންމީދަކީ އަނބުރާ ޔާމީން ޖަލަށް ނުގެންދެވުން ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

"މިއީ ކޮވިޑް 19ގެ ކާރިސާއިން ދިވެހި ޤައުމު ސަލާމަތްކުރުމަށްޓަކައި، ޤައުމުގެ ތެރޭގައި ސިޔާސީ ހަމަޖެހުން ޤާއިމުކޮށް ޤައުމީ އެއްބައިވަންތަކަމުގެ ސަފުތައް ބަދަހިކުރަން ހުޅުވިގެން ދިޔަ ދޮރެއް" ޝަހީމް ވިދާޅުވިއެވެ.

އަދި ދުއާއަކީ ޔާމީނަށް އިންޞާފު ލިބިވަަޑައިގެން މިނިވަންވެވަޑައިގެން ޤައުމީ ޚިދުމަތަށް އެނބުރި ވަޑައިގަތުމުގެ ތައުފީޤު ދެއްވުން ކަމަށާއި ޔާމީނަކީ ދިވެހި ޤައުމީ ޙަޔާތުގައި ނުހަނު ޚިދުމަތްތެރި މުހިންމު ޝަޚުޞިއްޔަތެއް އަދި އިޤުތިޞާދީ މުފައްކިރެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޔާމީން ގޭ ބަންދަށް ބަދަލުކޮށްފައިމިވަނީ އެމަނިކުފާނު ގެޔަށް ބަދަލުކޮށްދިނުމަށް އެދި އާއިލާ އަދި އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގަންނަވާފައިވާ ދަނޑިވަޅެއްގައެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ މައްޗަށް މިހާރު ވެސް އަންނަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ މައްސަލައެއްގައި ދައުވާ ކުރަމުންނެވެ. އެގޮތަށް ފުށްގިރި މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ދައުވާ ރައިސް ޔާމީންގެ މައްޗަށް އުފުލާފައިވެއެވެ.