Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

ސަރުކާރުން ރައީސް ޔާމީންގެ ލަފާ ހޯދާނެ ކަމަށް އުންމީދުކުރަން: ޝިޔާމް

މެމްބަރު އަހުމަދު ޝިޔާމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރުން ކަންކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީޏްގެ ލަފާ ހޯދާނެކަމަށް އުންމީދު ކުރައްވާކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީން ގެ ކޮޅުގައި ހުންނަވާ ދުވަސްތަކުގައި، ޤައުމުގެ ނާޒުކު ހާލަތު ބަދަލުކުރުމަށް އަދި އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން އެމަނިކުފާނުގެ ލަފާ ސަރުކާރުން ހޯދާނެކަމަށް އުންމީދު ކުރާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު އަޑިއަޅާލާފައިވާއިރު ސަރުކާރުން އަންނަނީ އިގްތިސާދު ހަމަޔަކަށް އެޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ޔާމީން ގެޔަށް ބަދަލުކޮށްފައިވަނީ މާފުށީ ޖަލުގެ އޮފިސަރުން ކޮވިޑް-19 އަށް ޕޮޒިޓިވް ވަމުންދާތީ ކަމަށް ކަރެކްޝަންސްއިން މައުލޫމާތުދެއެވެ. އަދި ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވެފައިވަނީ ޖަލުގައި ތިބި ހައިރިސްކް މީހުން ވަގުތީގޮތުން ގެޔަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންއަންނަކަމަށެވެ.