Last Updated: May 7, 00:41
Thursday, May 6, 2021
ޚަބަރު

"ބިލްބޯޑް މިއުޒިކް އެވޯޑްސް 2021" މި ފަހަރު ހުށަހަޅައިދެނީ ނިކް ޖޯނަސް

"ބިލްބޯޑް މިއުޒިކް އެވޯޑްސް 2021" މި ފަހަރު ހުށަހަޅައިދެނީ މަޝްހޫރު ލަވަކިޔުންތެރިޔާ، އެކްޓަރު އަދި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފިރިމީހާ ނިކް ޖޯނަސްއެވެ.

"ބިލްބޯޑް މިއުޒިކް އެވޯޑްސް 2021" ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ މެއި މަހުގެ 23 ވަނަ ދުވަހު ލޮސްއެންޖަލީސްގެ މައިކްރޯސޮފްޓް ތިއޭޓަރުގައެވެ. ފާއިތުވެދިޔަ ތިން އަހަރު ވެސް މި ހަފްލާ ހުށަހަޅާދީފައިވަނީ ކެލީ ކްލާކްސަންއެވެ. ކެލީ އަދި ނިކް އަކީ ވެސް ދަ ވޮއިސް ޝޯވ ގެ ދެ ކޯޗުންނެވެ.

މި އަހަރަށް ހުށަހެޅޭ ނޮމިނޭޝަންސްތައް އިޢުލާން ކޮށްފައިވަނީ އޭޕްރީލް 29 ވަނަ ދުވަހުގައެވެ. ނޮމިނޭޝަން ލިސްޓްގެ އެންމެ ކުރީގައި އުޅެނީ ވީކެންޑްއެވެ. އޭނާގެ އަލްބަމް "އާފްޓާ އަވަރ" ވަނީ 16 ދާއިރާއިން ނޮމިނޭޓް ވެފައެވެ. އަދި ޗާޓްގެ އެންމެ ކުރީގައި އުޅެނީ އޭނާގެ ލަވަ"ބްލައިންޑިންގ ލައިޓްސް" އެވެ. ދެވަނައިގާ އޮތީ 9 ނޮމިނޭޝަންސް އާއެކު ދަބޭބީއެވެ. ޑުއާ ލިޕާ، ޓެއިލާ ސްވިފްޓް އަދި ބީޓީއެސް އަށް ވަނީ 4 ނޮމިނޭޝަންސް ލިބިފައެވެ.

ފާއިތުވީ އަހަރު ޖޯނަސް ބްރަދާސް ވަނީ ތިން އެވޯޑެއް ހާސިލްކޮށްފައެވެ. ނިކް ޖޯނަސް ވަނީ ދާދި ފަހުން އޭނާގެ ސްޓޫޑިއޯ އަލްބަމް "ސްޕޭސްމަން" ރިލީޒް ކޮށްފައެވެ. އަދި އެކްޓަރެއްގެ ގޮތުގައި އޭނާ ވަނީ ފިލްމް"ޖުމާންޖީ:ވެލްކަމް ޓު ދަ ޖަންގަލް"، "މިޑް ވޭ" ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައެވެ.